ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެދާނެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޅުކުރައްވައިފި އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ، މި ސަރުކާރުން ގިނަ ހޭދަތަކެއް ކުރި ނަމަވެސް، އޮއްޓަރެއްހުރި ނަތީޖާއެއް ނިކުންނާނެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ މާލީ ހާލަތު މިހާރު އޮތް ގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަދި ކުރިއަށް އެބައޮތް ދެ އަހަރު. [ވެރިކަމުގަ] ހުންނަވައިފިނަމަ މި އަދަދު ހަމަ އެކަށީގެންވޭ 80 ނޫނީ 90 ހާސް މިލިއަނަށް ވެގެންދިއުން. އެއީ މި ސަރުކާރުން ކުރާކަމަކީ އެއީ ހޭދަ. އެކި ނަންނަމުގަ ހޭދަކުރަނީ. އޭގައިން އޮއްޓަރުހުރި އާރުލާ އެއްވެސް ނަތީޖާއެއް ލިބޭ މަސައްކަތެއް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަނިވެސް 57 ބިލިއަން ނުވަތަ 60،000 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަކަށް ވަނީ ދަރަނި އުފައްދާފަ އެވެ. އެހެންކަމުން، ކުރީ ސަރުކާރުތަކުން އުފައްދާފައިވާ ދަރަންޏޭ ކިޔައިގެން، ދަރަނީގެ ޒިންމާއިން ރެކިވަޑައިގަތުމަށް ރައީސް މުއިއްޒު އިތުރަށް ދައްކަވާނެ ވާހަކަފުޅެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވަނީ ސަރުކާރުގެ ދަރަންޏާ ގުޅޭ ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގާތްގަނޑަކަށް 130 ބިލިއަން ރުފިޔާގެ ދަރަންޏެއް ވަނީ ވާރުތަވެފަ އެވެ. އަދި ނިމިދިޔަ ސަރުކާރުން ދަރަނި ނަގާފައިވަނީ އޭގެ ކުރީ ސަރުކާރުތަކާ އެއް މިންވަރަކަށް ކަމަށާއި، އެއީ ގާތްގަނޑަކަށް 60 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، މި ވެރިކަމަށް ތިން އަހަރު ވެގެންދާއިރު އިތުރު 30 ބިލިއަން ނުވަތަ 40 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަށް ދަރަނި އުފައްދާފައިވާ ކަމަށާއި، މިއަހަރު ނިމޭއިރު ޖުމްލަ 57 ބިލިއަން ރުފިޔާގެ ދަރަނި ރައީސް މުއިއްޒުގެ ސަރުކާރުން އިތުރުކުރާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.