އީރާނާއި އިޒްރޭލުން ދެމުންދިޔަ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް އެ ދެ ގައުމުން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ، ދެ ފަރާތުންވެސް ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިލްތިމާސާ ގުޅިގެން ހޯމަ ދުވަހު އެވެ. ނަމަވެސް، އިޒްރޭލުން ލުބުނާނުގައިވާ ހިޒްބުاللهގެ މަރުކަޒުތަކަށް ހަމަލާދިނުން ކުރިއަށްގެންދާނަމަ، އަލުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަދަލުކުރެވުނު މި ހަމަލާތަކަކީ، މިދިޔަ އޭޕްރީލް މަހުގެ ސުލްހައިގެ އެއްބަސްވުމަށްފަހު އީރާނާއި އިޒްރޭލާ ދެމެދު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. މީގެ ސަބަބުން، ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވޮޝިންޓަނުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ފަސް އިންސައްތައަށް އުފުލުނު ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ހަމަލާތައް ނިންމާލިކަން އިއުލާނުކުރުމާއެކު އަގުތައް ވަނީ އަލުން ދަށްވާން ފަށާފަ އެވެ.
އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުންވެސް ވަނީ އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ނިންމާފަ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށީ އާދީއްތަ ދުވަހުގެ ރޭ އީރާނުން އިޒްރޭލުގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެންނެވެ. އީރާނުން ބުނާގޮތުގައި އެ ހަމަލާތަކަކީ ބައިރޫތުގެ އަރިމަތީ ސަރަހައްދުތަކުގައިވާ ހިޒްބުاللهގެ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމެކެވެ. އިޒްރޭލުން ހަމަލާދީފައިވަނީ ބެލިސްޓިކް މިސައިލް އުފެއްދުމަށް ބޭނުންކުރާ އިރާނުގެ ކާރުހާނާއަކަށެވެ. މީގެ ރައްދުގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އިޒްރޭލުގެ ހައިފާގައި ހުންނަ އެފަދަ ކާރުހާނާއަކަށް ހަމަލާދީފަ އެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނިގޮތުގައި ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކަށް ވޭންދެނިވި ރައްދެއް ވަނީ ދެވިފަ އެވެ. އަދި ހަމަލާތައް މިވަގުތަށް ހުއްޓާލި ނަމަވެސް، އިޒްރޭލުން ލުބުނާނުގެ ދެކުނުގައި ހިންގާ އުދުވާނުތައް ކުރިއަށްގެންދާނަމަ، މިއަށްވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ ދެ ގައުމުންވެސް ބޭނުންވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ކަމަށާއި، ސުލްހައިގެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ދާއިމީ އެއްބަސްވުމަކަށް އާދެވެންދެން އީރާނުގެ ބަނދަރުތައް އެމެރިކާގެ ބަންދެއްގެ ދަށުގައި އޮންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އިޒްރޭލުގެ އޮފިޝަލުން ހާމަކުރި ގޮތުގައި ޓްރަމްޕް ވަނީ ބޮޑުވަޒީރު ނަތަންޔާހޫއާ ފޯނުން ވާހަކަދައްކަވާފަ އެވެ. އަދި އިޒްރޭލުން ބުނަނީ ބޭނުންވާ މަގުސަދުތައް ހާސިލުވަންދެން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދަން ތައްޔާރަށް ތިބި ކަމަށެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާއާއެކު މެސެޖުތައް ބަދަލުކުރެވެމުންދަނީ އިންތިހާ ދަރަޖައިގެ އިތުބާރު ނެތް މާހައުލެއްގެ ތެރެއިން ކަމަށެވެ. އަދި އިޒްރޭލުން ލުބުނާނުގައި ހިންގާ އަމަލުތަކަކީ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޔަމަނުގެ ހޫތީންވެސް ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށާއި، ރަތް ކަނޑުގައި އިޒްރޭލުގެ އުޅަނދުތަކަށް ހުރަސްއަޅާނެ ކަމަށް ބުނެފަ އެވެ. އިޒްރޭލުން ބުނާގޮތުގައި އާދީއްތަ ދުވަހުގެ ރޭން ފެށިގެން އީރާނުން 30 އެއްހާ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވެއެވެ.
މި ހަމަލާތަކުގައި އީރާނުގެ ޖުމްލަ 15 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ނަމަވެސް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އިޒްރޭލުން ބުނީ އެ ގައުމަށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
ޗާގޯސް އެމެރިކާއިން ގަންނަނީ