އައްޑޫ ހިތަދޫގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.

އެ ހާދިސާގައި ނިޔާވީ ހިތަދު އަށް އުފަން ރަމީޒް އަބްދުﷲ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ބޮޑުމަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މަންޒަރެވެ.

އެ ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނީ ގަވާއިދާ އެއްގޮތަށް ދުއްވި ރަމީޒަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ގެއްލުންތަކެއް ލިބުނެވެ.

އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރިޕޯޓުކުރީ މިދިޔަ މެއި 31 ގެ ރޭގަނޑު 9:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ދިވެހި ދެ ފިރިހެނުންނަށް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.