އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާގެ އަލީގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީން ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރައްވައި، ވަރަށް ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު ވަނީ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. މިއީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ. މި އިންތިހާބުގައި ފައްޔާޒު ތާއީދު ކުރެއްވީ ނަޝީދަށެވެ. އަދި ކުރީގެ ރައީސް ސޯލިހު ހުންނެވީ މީކާއީލަށް ތާއީދުކުރައްވައިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައިފަ އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ސޯލިހު ވަނީ އިންތިހާބުގައި މީކާއީލް ކުރެއްވި މަސައްކަތް ވަރަށް ކައިރިން ދެކެވަޑައިގެންނެވި މީހެއްގެ ހައިސިއްޔަތުން މީކާއީލަށް ވެސް މަރުހަބާ ދަންނަވައިފަ އެވެ. މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވިދާޅުވެ އޭނާއަށް ވަނީ ތައުރީފުކުރައްވާފަ އެވެ.
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތަށްފަހު ހުޅުވާލައިފި
އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރާވާހަކަ ދޮގުކޮށްފި
