އަތޮޅު ކައުންސިލްތައް އުވާލުމުން އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުން ފެށި މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ގާނޫނީ ޝަހްސިއްޔަތާއި އަމިއްލަ އިހްތިސާސްގެ ތެރެއިން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވުން ބަލައިނުގަނެވޭނެ ކަމަށެވެ. ހާއްސަކޮށް ލާމަރުކަޒީ ގާނޫނުގެ 38 އަދި 39 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް ބަދަލުކުރަން ސަރުކާރުގެ ނުފޫޒާއެކު އެލްޖީއޭއިން އެންގުމަކީ ގާނޫނުގެ ބާރު ކަނޑުވާލުން ކަމަށް އެމްޑީޕީން ސިފަކުރެ އެވެ.
ހަމައެއާއެކު ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މަންދޫބުން ނިންމާ ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ، ކުޅުދުއްފުށި ސިޓީއާއި މުޅި ހދ. އަތޮޅުގެ ރައްޔިތުންގެ ޝުއޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެހެންކަމުން ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މަހުގެ ދެވަނަ ދުވަހު ނިންމާފައިވާ ގާނޫނީ ނިންމުމަށް އިހުތިރާމްކޮށް، އެ ނިންމުން ބަދަލުކުރަން ފޮނުވި ގައިރު ގާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށް އެމްޑީޕީން ވަނީ ސަރުކާރަށާއި އެލްޖީއޭއަށް ގޮވާލާފަ އެވެ. އަދި ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއިން އެލްޖީއޭއަށް ލިބިދޭ ބާރުތައް ބޭނުންކުރަން ވާނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށް ވާއިރު، ކައުންސިލްތަކުގެ މިނިވަން ކަމަށް ހުރަސްއެޅުމާއި ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ލާމަރުކަޒީ ނިޒާމެއް އެންމެ ފުރިހަމައަށް ހިންގޭނީ މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން، ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގޭ ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެންނެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތަކަކީ ވަކި އިދާރީ، އިގްތިސާދީ އަދި ސަގާފީ ޔުނިޓުތަކެއް ކަމަށް ވުމުން، އަތޮޅު ކައުންސިލްގެ ދިފާއުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނެގި އިސްނެގުމަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.
އެމްޑީޕީން ވަނީ ކުރިއަށް އޮތް ތަނުގައި އެ ޕާޓީގެ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ހުރަސްއަޅަން ގާނޫނުތަކަށް ގެނައި ބަދަލުތައް އުވާލައި، އިހު އޮތްގޮތަށް ނިޒާމު ބަދަލުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފަ އެވެ.
އިށީނދެ އިންނަ ގޮތަކުން މައިބަދައަށް ގެއްލުންވޭ!
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިކަން ޓްރަމްޕް އަންގަވައިފި