ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދާދިފަހުން ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޔަމަނުގެ ހޫތީ ހަރަކާތުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވަނީ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއާޕޯޓަކަށް ސައުދީން ބޮން އެޅިކަމަށް ތުހުމަތުކުރުމަށްފަހުގަ އެވެ. މިއާއެކު، ސައުދީއާއި އީރާނަށް ތާއީދުކުރާ ހޫތީ ގްރޫޕާ ދެމެދު ހަތަރު އަހަރު ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބުރޫއަރާފަ އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު އެކްސް މެދުވެރިކޮށް ހާމަކުރި ގޮތުގައި، ހޫތީ ހަނގުރާމަވެރިން ސައުދީގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ސައުދީ ސިފައިން ވައިގެ ތެރޭގައި ގޮއްވާލައި ހުއްޓުވާފައި ވާކަމަށް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސައުދީގެ އާންމުންނާއި މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ދީފައިވާ މި ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން ވަނީ ހާމަކޮށްފަ އެވެ. އަދި ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި އިސްތިގުލާލު ދިފާއުކުރުމަށްޓަކައި ސައުދީ ސަރުކާރުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން، ސަރަހައްދީ މަސްރަހުގައި ފަހަކަށް އައިސް ހޯދިފައިވާ ކުރިއެރުންތައް ދަމަހައްޓައި، މަސްރަހު އަލުން ގޯސްވިޔަނުދީ، ސަރަހައްދުގެ ސުލްހަވެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ދާއިމީ ދޭދޭ މަޝްވަރާތަކާއި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމުކަން ރާއްޖޭގެ ބަޔާނުގައި ވަނީ ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ.