ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާއިން ބޮޑު ކުރިއެރުމެއް ހޯދައި، މިއަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 190,000 އަށްވުރެ މައްޗަށް އަރައިފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,155,017 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 190,016 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެއީ 164,067 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 91,574 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.8 އިންސައްތަ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1,213,647 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 1,105,567 ފަތުރުވެރިންނެވެ. މި ހިނގާ ޖުލައި މަހުގެ މިހާތަނަށް 85,135 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު އައިސްފައިވަނީ 87,563 ފަތުރުވެރިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެގޮތުން ވީއައިއޭ މެދުވެރިކޮށް 1,125,664 ފަތުރުވެރިން އައިސްފައިވާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 2,528 ފަތުރުވެރިން ވަނީ ރާއްޖެ އެތެރެވެފަ އެވެ. މީގެ އިތުރުން ކަނޑުމަގުން (ސީޕޯޓު މެދުވެރިކޮށް) 15,577 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. އެއީ 820,284 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކަށް 258,538 ފަތުރުވެރިން އަދި ހޮޓެލްތަކަށް 27,050 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެމްއޯޔޫއެއް
ހަންކެނޑެ ތަރައްގީކުރަން ރައީސް ކުންފުންޏެއް އުފައްދަވައިފި
މެޗަށްފަހު އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި މަނަވަރެއް