މެކްސިކޯ ސަރަހައްދަށް މިރޭ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފަ އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެކްސިކޯގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޗިއާޕަސްގެ އައްސޭރިފަށަށް މި ބިންހެލުން އައިސްފައިވަނީ މިރޭ ރާއްޖެގަޑިން 7:48 ހާއިރު ކަމަށެވެ. ރިކްޓާ މިންގަނޑުން 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސީދާ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައި އެވެ.
މި ބިންހެލުން އައި ސަރަހައްދަކީ ރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 17،416 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދެއް ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ބައިނަލްއަގުވާމީ ހަބަރުތައް ބުނާގޮތުން، މި ބިންހެލުމާ ގުޅިގެން މެކްސިކޯގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ. އަދި ބިންހެލުމުގެ ލޮޅުންތައް ސެންޓްރަލް އެމެރިކާގެ ބައެއް ގައުމުތަކަށް އިހުސާސް ކުރެވިފައިވާއިރު، މެކްސިކޯއާ އަވަށްޓެރި އެލް ސެލްވަޑޯ އަދި ގުއަޓެމާލާއަށްވެސް މި ހާދިސާގެ އަސަރު ވަނީ ކޮށްފަ އެވެ.
ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، މި ބިންހެލުމަކީ ބާރުގަދަ ބިންހެލުމަކަށް ވީނަމަވެސް، ރާއްޖެ އޮތް ސަރަހައްދާއި ބިންހެލުން އައި ސަރަހައްދުގެ ދުރުމިނަށް ބަލާއިރު ރާއްޖެއަށް މީގެ އެއްވެސް ނުރައްކަލެއް އޮތް ކަމަށް ނުބެލެވެއެވެ.
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި
މެޗަށްފަހު އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި މަނަވަރެއް