ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން ރާއްޖޭގައި އެންޓިބަޔޮޓިކްސްގެ ހުރިހާ ވައްތަރެއް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި، މި މަސައްކަތް ފެށީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.
ޝާހު ފާހަގަކުރެއްވި ގޮތުގައި މިއީ މުޅި ދުނިޔެއަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ސިއްހީ ގޮންޖެހުމެވެ. އެހެންކަމުން ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި އެންޓިބަޔޮޓިކްސްގެ އެކި ކްލާސްތަކުގެ ބޭސްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވިޔަފާރީގެ ފައިދާ ހޯދުން ނޫން ކަމަށާއި، މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ދިމާވެގެން އުޅޭ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސްޓޭޓްފާމާއިން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތަފްސީލު ވެސް ޝާހު ހިއްސާކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުރާލައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ބޭސް ގަނޑުކޮށް ގަނެ، ސްޓޮކް މަދުވުމުން ދެނެގަންނާނެ ޒަމާނީ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އިންވެންޓްރީ ކޮންޓްރޯލްކޮށް ސަޕްލައި ޗެއިން ހަރުދަނާކުރުމަށްޓަކައި އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރްޕީ) ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖެއިން ނުލިބޭ ބޭސްތައް މިހާރު ޕްރިސްކްރިޕްޝަނަށް އޯޑަރުކުރަމުން އައި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދުރާލައި ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކޮށް ސްޓޮކްކުރާނެ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާ މަޝްވަރާކޮށްގެން، އެ ރަށަކަށް އެންމެ ބޮޑަށް ބޭނުންވާ ބޭސްތައް ދެނެގަނެ، އިސްރާފު ކުޑަކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޭޓްފާމާއަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު އެތެރެކޮށް ފޯރުކޮށްދިނުމުގެ ކަންކަން އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފައްދަވާފައިވާ ކުންފުންޏެކެވެ. މީގެ ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި 193 ފާމަސީއާއި އެ ތަންތަނުގައި މަސައްކަތްކުރާ 500 އަށްވުރެ ގިނަ މުވައްޒަފުން، މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފަ އެވެ.
މި ބަދަލާއެކު އެ ކުންފުނީގެ އޮޕަރޭޝަންތައް ފުރިހަމައަށް ފަށައި، ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ ގޮތް ހެދުމަށްޓަކައި 24 ގަޑިއިރު މަސައްކަތްކުރާ ކޯލް ސެންޓަރެއް ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.
ވަރުގަދަ ގުޅުންތަކަކަށް ގެންގުޅެންޖެހޭ ރަނުގެ 3 އުސޫލެއް!
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް