ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުން ކަމަށް ސިއްހީ މާހިރުން ވިދާޅުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ނަމަވެސް، އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ނުވަތަ ބަރުދަން ލުއި ކުރުމުގެ ބޭނުމުގައި ގިނަ އަންހެނުންނަށް ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާ ދޫކޮށްލެވެ އެވެ.

އިންޑިއާގެ މަޝްހޫރު ނިއުޓްރިޝަނިސްޓް ޑރ. ރޯހިނީ ޕާޓިލް ހާމަ ކުރައްވާ ގޮތުގައި، މި އާދައިގެ ސަބަބުން އަންހެނެއްގެ ހަށިގަނޑަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އާދެ އެވެ.

ޑރ. ރޯހިނީ ވިދާޅުވި ގޮތުގައި ހެނދުނު ނުކައި ހުރުމުން އެންމެ ފުރަތަމަ އަސަރުކުރަނީ ހަށިގަނޑުގެ މެޓަބޮލިޒަމް (ކާނާ ހަކަތައަށް ބަދަލު ކޮށްދޭ ނިޒާމު) އަށެވެ.

ހެނދުނު ހަށިގަނޑަށް ބޭނުންވާ ހަކަތަ ނުލިބުމުން، މެޓަބޮލިޒަމްގެ ދުވެލި ލަސްވެ އެވެ. މީގެ ނަތީޖާއަކީ ބަރުދަން ލުއިވުމުގެ ބަދަލުގައި، ހަށިގަނޑުގައި ސަރުބީ ރައްކާކުރާ މިންވަރު އިތުރުވެ، ބަރުދަން އިތުރު ވުމަށް މަގުފަހި ވުމެވެ.

މީގެ އިތުރުން، އަންހެނުންގެ ހޯމޯންތަކުގެ މުހިންމު ބެލެންސް ގެއްލުމަކީ ވެސް މީގެ ސަބަބުން ދިމާވާ ބޮޑު މައްސަލައެކެވެ. ހެނދުނު ނުކައި ހުރުމުން ހަށިގަނޑުގެ ސްޓްރެސް ހޯމޯން (ކޯޓިޒޯލް) މަތިވެ އެވެ.

މީގެ ސަބަބުން މޫޑު ގޯސްވުމާއި، ވަރުބަލި ވުމުގެ އިތުރުން މައްސަރު ކަންކަމަށް ބުރޫއެރުން ފަދަ ސިއްހީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ.

ހަމަ އެހެންމެ، ހެނދުނުގެ ނާސްތާ ނުނަގާނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މިއީ ދުވަހުގެ ފަހު ބައިގައި ފޮނި އެއްޗެހި ނުވަތަ ގިނައިން ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ ކާ ހިތްވުން އިތުރު ކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ހަކުރުބަލީގެ ނުރައްކާ ވެސް ބޮޑު ވެގެންދެ އެވެ.

އެހެންކަމުން، ދިރިއުޅުން ކިތަންމެ ބުރަ ނަމަވެސް ހެނދުނުގެ ނާސްތާ ދޫކޮށް ނުލުމަށް ޑރ. ރޯހިނީ އިލްތިމާސް ކުރައްވަ އެވެ. ބިސް، ތާޒާ މޭވާ، ކާލަން ފަސޭހަ އޯޓްސް ނުވަތަ ނަޓްސް ފަދަ ޕްރޮޓީން އާއި ފައިބާ ގިނައިން އެކުލެވޭ ކާނާއެއް ހެނދުނު ބޭނުން ކުރުމަކީ ދުވަހުގެ ހަކަތަ ހިފަހައްޓައިދީ އަންހެނުންގެ ދިފާއީ ނިޒާމާއި ސިއްހަތު ދުޅަހެޔޮ ކޮށްދޭނެ ކަމެކެވެ.