ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު އެވޯޑް ހޯދައި، ދެ ފަހަރު ރަންބޫޓު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ހޯދައިފި އެވެ.

ރޭ ނިމުނު ވޯލްޑްގެ ރަންބޫޓު އެމްބާޕޭ ހޯދީ 8 މެޗުން 10 ލަނޑު ޖަހައިގެނެވެ. އެމްބާޕޭ ރަންބޫޓު ހޯދީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ރަންބޫޓު އެމްބާޕޭ ހޯދީ ޖުމްލަ 8 ގޯލާއެކު އެވެ. އެމްބާޕޭއަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ދެ ފަހަރު ރަންބޫޓު ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އެމްބާޕޭއަކީ 1970ގެ ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި 10 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެއް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ލިސްޓުގައި އެމްބާޕޭއަށްވުރެ ކުރީގައި އޮތީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 11 ލަނޑު ޖެހި ހަންގޭރީގެ ސަންޑޯ ކޮސްކިސް އާއި 1958ގެ ވޯލްޑް ކަޕްގައި 13 ލަނޑު ޖެހި ފްރާންސްގެ ޔުސް ފޮންޓޭނެވެ.

އެމްބާޕޭއަކީ މިހާރު ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 22 ލަނޑު ޖަހައިފަ އެވެ.

ފްރާންސް ވަނީ މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އަދި ތިން ވަނަ ހޮވި މެޗުގައި އިންގްލެންޑް އަތުންވެސް ބަލިވެފަ އެވެ.

އެ މެޗަށްފަހު އެމްބާޕޭ ބުނީ ރަންބޫޓަށްވުރެ ބޮޑަށް، އޭނާ ބޭނުންވީ މުބާރާތުގެ ފައިނަލްގައި ކުޅުމަށެވެ.

"ރަންބޫޓަކީ އަހަރެންގެ ލެގަސީއަށް މުހިންމު އެއްޗަކަށް ވެދާނެ. އެކަމަކު އަހަރެން ރަންބޫޓަށްވުރެ ބޮޑަށް ބޭނުންވީ ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގައެއް،" އެމްބާޕޭ ބުންޏެވެ.