ދުވާލަކު 5 ތަށި ސައި ނުވަތަ ކޮފީ ބުއިމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި ޓައިޕް 2 ހަކުރުބަލީގެ ނުރައްކާ ބޮޑު ތަނުން ކުޑަކޮށްދޭ ކަމެއްކަން އެމެރިކަން ހާޓް އެސޯސިއޭޝަނުން އާއްމުކުރި އައު ދިރާސާއަކުން ދައްކައިފި އެވެ.
ސައި އަދި ކޮފީއަކީ ދުނިޔޭގެ ގިނަ ބައެއްގެ އާންމު ދިރިއުޅުމުގައި ވަރަށް މަގުބޫލު ދެ ބުއިން ކަމަށްވާއިރު، މި ދިރާސާގެ މައުލޫމާތާއެކު ސިއްހީ ދާއިރާގެ މާހިރުންގެ ސަމާލުކަން މިއަށް ވަނީ ހުއްޓިފަ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، ގަވާއިދުން ދުވާލަކު 3 ތަށިން ފެށިގެން 5 ތަށީގެ ސައި ނުވަތަ ކޮފީ ބޯ މީހުންނަށް ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު، އެއަށްވުރެ މަދުން ކޮފީ ބޯ މީހުންނާ އަޅާބަލާއިރު ކުޑަ އެވެ.
ސައި އަދި ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އާއި އެހެނިހެން މުހިއްމު ކޮމްޕައުންޑްތަކުގެ ސަބަބުން، ހަށިގަނޑުގެ ލޭ ހިނގުން ރަނގަޅުކޮށްދީ، އިންފްލާމޭޝަން (ދުޅަވުން) ކުޑަ ކުރުމަށް އެހީތެރިވެދެ އެވެ.
އޭގެ އިތުރުން، މި ދެ ބުއިމަކީ އިންސިއުލިންއަށް ހަށިގަނޑު އާދަ ކުރުވައި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ އެއްޗެއްކަން ދިރާސާއިން ވަނީ ސާބިތުވެފަ އެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދެ އެވެ. ސައިގައި ހުންނަ "ފްލެވޮނޮއިޑްސް" އާއި ކޮފީގައި އެކުލެވޭ "ކްލޮރޯޖެނިކް އެސިޑް"އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ވަރުގަދަ ކޮށްދިނުމުގައި މުހިއްމު ދޯރެއް އަދާކުރާ ދެ މާއްދާ އެވެ.
ނަމަވެސް، ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މިކަމުގައި ވެސް މިންގަނޑެއްގައި ހިފެހެއްޓުމަށެވެ. ކެފެއިންއަށް އޮންނަ ގާބިލުކަން ކޮންމެ މީހެއްގެ ވެސް ތަފާތުވާނެތީ، މާގިނައިން ކެފެއިން ބޭނުން ކުރުމަކީ ނިދި ނައުމާއި، ހާސްވުން ނުވަތަ ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަމަށް މަގުފަހި ވެދާނެ ކަމެކެވެ. އެހެންކަމުން، އަމިއްލަ ސިއްހީ ހާލަތަށް ބަލައިގެން ބޭނުން ކުރުން މުހިއްމެވެ.
މީގެ އިތުރުން، ސައި ނުވަތަ ކޮފީ ބޯއިރު އޭގެއަށް ގިނައިން ސީނީ ނުވަތަ ފެޓް މަތީ ކިރު އެޅުމަކީ އޭގެއިން ލިބޭ ސިއްހީ ފައިދާތައް ގެއްލި، ބަރުދަން އިތުރު ވުމަށް މަގުފަހިވާނެ ކަމެއް ކަމަށް މާހިރުން ފާހަގަކުރެ އެވެ.
އެހެންކަމުން ސައި ނުވަތަ ކޮފީގެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި، ހަކުރު މަދުން ނުވަތަ ކަޅު ކޮފީ ބޭނުން ކުރުމަކީ އެންމެ އެދެވޭ ގޮތެވެ.
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ