ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ މަހު ބަޔަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސީޕްލޭންތަކަށް ރޭގަނޑު ދަތުރު ނުކުރެވޭތީ ފަތުރުވެރިން އުފުލުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ރާއްޖޭގެ ދަތުރުފަތުރުގެ މޮޑެލް ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރެވުނު ދެވަނަ އާރްއެފްޕީގެ މަސައްކަތުގެ ދަށުން، އެކި ފަރާތްތަކުން ހުށަހެޅި އީއޯއައިތައް ދިރާސާކޮށް ނިމިފައިވާ ކަމަށާއި، އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މަދަނީ އުދުހުންތަކުގެ ގަވައިދުގެ ތެރެއިން އޮޕަރޭޓަރު ސެޓްފިކެޓު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެ ކަމަށް އަމީން ފާހަގަކުރެއްވި އެވެ.

މި ހިދުމަތަކީ ފަތުރުވެރިން އުފުލުމުގެ އިތުރުން މީހުން ހޯދައި ސަލާމަތްކުރުމާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ (މެޑިކަލް އިވެކުއޭޝަން) ހިދުމަތްތައް ވެސް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ފަށާ ކަމެކެވެ. ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ސިވިލް އޭވިއޭޝަނުން ތިން ފަހަރެއްގެ މަތިން އިއުލާނުކޮށް، ސުޕްރިމް މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވެ އެވެ.

ކުރިން މާރިޗު މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް އިއުލާނުކުރި ނަމަވެސް، މީގެ ދެ އަހަރު ކުރިން ފެށިގެން މި މަސައްކަތް ކުރިއަށް ދާއިރު ތަފާތު ތާރީހުތައް ދެވި، އަދިވެސް މި ހިދުމަތް އަމަލީ ގޮތުން ފެށިފައެއް ނުވެ އެވެ.