މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާ (އަޔާޑާ މޯލްޑިވްސް)ގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ވަރަށް ކުޑަ އަގެއްގައި ވިއްކާލަން މަސައްކަތްކުރަމުން އަންނަކަން ހާމަވެއްޖެ އެވެ.
މި މުއާމަލާތާ ދެކޮޅުހެދުމުގެ ސަބަބުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު ދާދިފަހުން ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
މަގުއްދުވާއަކީ 2006 ވަނަ އަހަރުން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޓީޑީސީއަށް ދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން ޖެހިގެން އައި އަހަރު ތުރުކީގެ އައިޑެނިޒް ކުންފުންޏަށް މި ރަށް ސަބްލީސްކުރުމުން، އެ ކުންފުނިން ވަނީ ފަސް ތަރީގެ ފެންވަރަށް ރަށް ތަރައްގީކޮށް 2011 ވަނަ އަހަރު "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި ރިސޯޓެއް ހިންގަން ފަށާފަ އެވެ.
ސަބްލީސް އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ފުރަތަމަ ދައްކަންޖެހުނު 303،506 ޑޮލަރުން ފެށިގެން މުއްދަތު ހިނގަމުންދިޔަ ވަރަކަށް ކުލި ބޮޑުވަމުން ގޮސް، މިހާރު ކޮންމެ ކުއާޓަރަކު 1.2 މިލިއަން ޑޮލަރު އެމްޓީޑީސީއަށް ދައްކަން ޖެހެ އެވެ. ދެ ކުންފުނީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ހެޑްލީސްގެ މުއްދަތު ހަމަވާ 2031 ވަނަ އަހަރު އެވެ.
އައިޑެނިޒް ކުންފުނިން މިހާރު މަސައްކަތްކުރަމުން ދަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރަށުގެ ހެޑްލީސް އެ ކުންފުނީގެ ނަންމައްޗަށް ބަދަލުކުރުމަށެވެ. ނަމަވެސް އެމްޓީޑީސީގެ މެނޭޖުމަންޓުން ކުރިން މިކަމާ ދެކޮޅުހެދީ، އެ ކުންފުންޏަށް އާމްދަނީ ލިބެމުންދާ މައިގަނޑު ދެ ޕްރޮޕަޓީގެ ތެރެއިން އެއް ޕްރޮޕަޓީ ދޫކޮށްލުމަކީ މާލީގޮތުން ހަމަޖެހޭ ކަމަކަށް ނުވާނެތީ އެވެ. ޚާއްސަކޮށް އެމްޓީޑީސީން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އޮފީސް އިމާރާތާއި، ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ނަގައިގެން ހދ. ނާގޮށީގައި ތަރައްގީކުރަމުންދާ ރިސޯޓުގެ މަސައްކަތަށް ބޮޑެތި ކެޕިޓަލް އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާތީ އެވެ.
ނާގޮށީގެ ފުރަތަމަ ފިޔަވައްސަށް އެކަނިވެސް 38.8 މިލިއަން ޑޮލަރު ނުވަތަ 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.
މި މައްސަލައިގައި އައިޑެނިޒް ކުންފުނިން ބޭނުންވާ ގޮތަށް ހެޑްލީސް ދޫކޮށްލަން ކުރީގެ މެނޭޖިންގ ޑިރެކްޓަރު އެއްބަސްވެވަޑައިނުގަތުމުން އޭނާ މަގާމުން ވަކިކޮށްފައިވާއިރު، ރަށުގެ ހެޑްލީސް ވިއްކާލަން އުޅެނީ އެންމެ 1.5 މިލިއަން ޑޮލަރަށް ކަމަށް އާންމުންގެ ތެރޭގައި ދަނީ ވާހަކަދެކެވެމުންނެވެ.
މިއީ ސަބްލީސް އެއްބަސްވުމުގެ ދަށުން ކޮންމެ ކުއާޓަރަކު ލިބެންޖެހޭ 1.2 މިލިއަން ޑޮލަރާ އަޅައިބަލާއިރު، ދައުލަތުގެ ޕަބްލިކް ކުންފުންޏަކަށް އިޔާދަނުކުރެވޭވަރުގެ ބޮޑު މާލީ ގެއްލުމެއް ލިބޭނެ މުއާމަލާތެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
އެންމެ ދިގު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރު ވަނީ!
ސައޫދީއަށް ދިން ޑްރޯން ހަމަލާތަކެއް އެ ގައުމުން ދިފާއުކޮށްފި
ކޮންމެ ދުވަހަކު ހަދާނެ އާ ގާނޫނެއް ނުހުންނާނެ: ސަލީމް
