ބެލްޖިއަމަށާއި އީޔޫއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ހަވަނަ ދުވަހު މަޖިލީހަށް ފޮނުއްވި ދިޔާނާގެ ނަންފުޅު ދިރާސާކުރުމަށް ފަހު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދޭން ފެންނަކަމަށް ނިންމާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ވަނީ ދިޔާނާއަށް ސަފީރުކަން ދިނުމަށް ފާސްކޮށްފަ އެވެ.

ދިޔާނާއަކީ މީގެ ކުރިން ބަންޑާރަނައިބުކަމާއި، ޖެންޑާ މިނިސްޓަރުކަމުގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.