ދުނިޔޭގައި ފަލަބަލި (އޮބީސިޓީ) ފެތުރެމުންދާ މިންވަރު ވަނީ ނުރައްކާތެރި މިންވަރަކަށް އުފުލެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފި އެވެ.
ނަމަވެސް، މިއީ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނުދާ، ނުރައްކާތެރި ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފަ އެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި 1990 ވަނަ އަހަރަށް ފަހު ބޮޑެތި މީހުންގެ މެދުގައި ފަލަބަލި ޖެހޭ މިންވަރު ވަނީ ދެގުނައަށް އުފުލިފަ އެވެ.
އެއާއެކު އުމުރުން 5 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި މި އަދަދު ވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ. ދުނިޔޭގެ އާބާދީގެ 2.5 ބިލިއަން މީހުން މިނަށްވުރެ ބަރުދަން އިތުރުއިރު، މީގެ ތެރެއިން 890 މިލިއަނަށްވުރެ ގިނަ މީހުންނަކީ ސީދާ ފަލަބަލީގެ އުނދަގޫ ތަހައްމަލު ކުރަމުންދާ މީހުންނެވެ.
ޑަބްލިއުއެޗްއޯ އިން ފާހަގަކުރާ ގޮތުގައި ފަލަބައްޔަކީ ހަމައެކަނި އިންސާނާގެ ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ޖީންސްއާއި، ސިކުނޑީގެ ނާރުތަކުގެ ނިޒާމާއި، ކާބޯތަކެތި އުފައްދާ ސިނާއަތްތަކާއި އަދި ބާޒާރުގައި ސިއްހަތަށް ފައިދާހުރި ކާނާ އަގުބޮޑުވުން ފަދަ އެކި ސަބަބުތަކާ ހުރެ ޖެހޭ ދާއިމީ ބައްޔެކެވެ.
މީގެ ސަބަބުން ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހިގެން އަހަރަކު 3.7 މިލިއަނަށްވުރެ ގިނަ މީހުން މަރުވެ އެވެ.
އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ބަރުދަން އިތުރުވާ މިންވަރު އަވަސް ވުމެވެ.. 2022 ވަނަ އަހަރުގެ ނިޔަލަށް 5 އަހަރާއި 19 އަހަރާ ދެމެދުގެ 390 މިލިއަނަށްވުރެ ގިނަ ކުދިންގެ ބަރުދަން ވަނީ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެފަ އެވެ.
އުމުރުން 5 އަހަރުން ދަށުގެ 35 މިލިއަން ކުދިންގެ ބަރުދަން އިތުރު ވެފައިވާކަން ދިރާސާތަކުން ދައްކަ އެވެ. މީގެ ސަބަބުން ހަގު އުމުރުގައި ހަކުރު ބަލި ޖެހުމާއި، ހިތުގެ މައްސަލަތައް ކުރިމަތިވުން ފަދަ ސިއްހީ އަދި ނަފްސާނީ ނޭދެވޭ އަސަރުތައް ކުރެ އެވެ.
ސިއްހީ ނުރައްކަލުގެ އިތުރުން، މިއީ ދުނިޔޭގެ އިގްތިސާދަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ބަރުދަން އިތުރުވުމާއި ފަލަބަލީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ ހަރަދު 2030 ވަނަ އަހަރާއި ހަމައަށް އަހަރަކު 3 ޓްރިލިއަން ޑޮލަރަށް އަދި 2060 ވަނަ އަހަރާ ހަމައަށް ދާއިރު އަހަރަކު 18 ޓްރިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ލަފާކުރެ އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހަމައެކަނި ވަކިވަކި ފަރުދުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި، ސަރުކާރުތަކުން ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ.
މީގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކާނާގެ އަގުހެޔޮ ކުރުމާއި، ސިއްހަތަށް ގެއްލުންހުރި ކާނާގެ އިޝްތިހާރުތައް ކޮންޓްރޯލް ކުރުމާއި، ސްކޫލްތަކުގައި ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ ކަންކަން ހިމެނެ އެވެ.
ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތައް ނުނިމޭތީ
އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
ލޭގެ ޓެސްޓަކުން އަލްޒައިމާސް ބަލި ދެނެގަނެވިދާނެތަ؟