ގދ. މަގުއްދުވާގެ ހެޑް ލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގައި އެދިވަޑައިގެންފި އެވެ.
އެމްޓީޑީސީގެ ނިއު މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދަށް ފޮނުއްވި ސިޓީގައި މެންބަރު ކުޑޫ ވަނީ، 2006 އިން ފެށިގެން އެމްޓީޑީސީއަށް ދޫކޮށް އަދި އަހްމެޓް އައިޑެނިޒް މޯލްޑިވްސްއަށް ސަބް ލީސްކޮށްގެން އަޔާދާ ރިސޯޓުގެ ގޮތުގައި ހިންގަމުންދާ މަގުއްދުވާގެ ހެޑް ލީސް ވިއްކާލަން އުޅޭ އަޑުތަކާއެކު އާންމުންނާއި ހިއްސާދާރުންގެ ކަންބޮޑުވުން ބޮޑުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ސަބް ލީސް ރެންޓުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބެމުން ދަނިކޮށް، ހެޑް ލީސް ވިއްކައިލުމުގެ މަޝްވަރާތަކެއް ހިންގާތޯއާއި، އެކަމާ ގުޅޭ އިވެލުއޭޝަންތަކާއި، ކުންފުންޏަށް ލިބޭނެ ފައިދާ ނުވަތަ ގެއްލުމުގެ ތަފުސީލީ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
އޭގެ އިތުރުން މި މުއާމަލާތުގެ ސަބަބުން ހިއްސާދާރުންގެ ޑިވިޑެންޑަށް ކުރާނެ އަސަރާއި، މުއާމަލާތް ނިންމި ގޮތުގެ ލިޔެކިއުންތަކުގެ ކޮޕީ ހިއްސާކުރުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.
ހަމައެއާއެކު އެމްޓީޑީސީގެ ކުރީގެ އެމްޑީ އަހްމަދު ނިޔާޒް ނުވަތަ ބޯޑު މެންބަރަކު މި މުއާމަލާތަށް ދެކޮޅު ހެއްދެވިނަމަ، އެކަމުގެ ތަފުސީލުތައް ހާމަކުރުމަށް ވެސް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
ހިމަބިހި ކޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ
އައްސާމް ކާރިސާ: ހާލުގައި ޖެހުނު މީހުންނަށް ސަލްމާންގެ އެހީއެއް!