ޣައްޒާގައި ފަލަސްތީނުގެ އާ ސަރުކާރެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުން، ހަމާސް ޖަމާއަތުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަތުލުމާ ބެހޭ ފުރިހަމަ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖުލައި 31 ވަނަ ދުވަހު އިއުލާން ކުރައްވައިފި އެވެ.
ހަމާސްގެ އިސް މަސްއޫލުވެރިން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، އިޒްރޭލާއެކު ވެވުނު މި އެއްބަސްވުމުގައި އެ ޖަމާއަތުގެ ހަތިޔާރުތަކާ މެދު އަމަލުކުރާނެ ގޮތާއި، ޣައްޒާއިން އިޒްރޭލުގެ ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ބޭރުވުމާ ގުޅޭ މާއްދާތައް ހިމެނެއެވެ.
ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހަތިޔާރުގެ މައްސަލައިގައާއި، ޣައްޒާގެ ސަރަހައްދުން އިޒްރޭލު ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ފޭބުމާ ބެހޭގޮތުން މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އެ ޖަމާއަތުގެ މަޝްވަރާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޣާޒީ ހަމަދު ވިދާޅުވީ، މިފަދަ ދޫތަކެއް ދޭން ނިންމީ ޣައްޒާގެ ރައްޔިތުން މަރުވުމާއި ހާލުގައި ޖެހުމުން ސަލާމަތްކުރުމަށްޓަކައި ކަމަށެވެ. މިކަމާ ގުޅޭގޮތުން އިޒްރޭލުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ޓްރަމްޕް މިކަން އިއުލާން ކުރެއްވީ، ގާހިރާގައި މެދުވެރިންނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ހަމާސްގެ ހަތިޔާރުތައް ނައްތާލުމާ ބެހޭ އެއްބަސްވުމަކަށް ދިއުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް މަސްދަރުތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ޓްރަމްޕްގެ "ޓްރުތު ސޯޝަލް" ޕްލެޓްފޯމުގައި ލިޔުއްވާފައިވަނީ، ޕީސް ބޯޑުން މިއަދު ތާރީހީ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މިއީ ހަމާސްއާއި ޣައްޒާގައި ހަރަކާތްތެރިވާ އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަތިޔާރު ފުރިހަމައަށް އަތުލުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މިއީ ދާއިމީ ސުލްހައާއި ސަލާމަތްތެރިކަމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށާއި، ހަތިޔާރު އަތުލުމުގެ މަސައްކަތް ކުރިއަށްދާނީ ވަރަށް ބޮޑަށް ރޭވިފައިވާ ފިޔަވަހިތަކެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ހަތިޔާރު އަތުލައި ނިމުމުން އިޒްރޭލު ސިފައިން ޣައްޒާއިން ފައިބާނެ ކަމަށާއި، އޭގެ ފަހުން ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދޭ ފައުޖެއްގެ އެހީތެރިކަމާއެކު ފަލަސްތީނުގެ އާ ފުލުހުންގެ ލަޝްކަރަކުން ޣައްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ކަމަށެވެ. މި މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރި މިސްރު، ގަތަރު އަދި ތުރުކީއަށް ޓްރަމްޕް ޝުކުރު އަދާކުރެއްވި އެވެ.
އޮކްޓޯބަރު މަހުން ފެށިގެން ހަމާސްއާއި އިޒްރޭލާ ދެމެދު ވެވިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ހަމާސްގެ ހަތިޔާރު އަތުލުމުގެ މައްސަލަ އެވެ. މި އެއްބަސްވުން އޮތް ނަމަވެސް، ޣައްޒާގައި ހަމަލާތައް ދަނީ ކުރިއަށެވެ. އެގޮތުން ޖުލައި 30 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.
މިސްރުގެ އަލް-ގާހިރާ ނިއުސްއިން ރިޕޯޓްކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ދެވަނަ ފިޔަވަހި ތަންފީޒު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، އެމެރިކާ، ގަތަރު، ތުރުކީ އަދި މިސްރު ބައިވެރިވާ ބައްދަލުވުމެއް ވަރަށް އަވަހަށް ގާހިރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓްރަމްޕްގެ ސުލްހައިގެ ޕްލޭނުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ހަމާސްގެ ހަތިޔާރު އަތުލުމާއި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމެވެ. އަދި ހަނގުރާމައަށް ފަހު ޣައްޒާ ހިންގުމަށްޓަކައި "ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ" ގެ ނަމުގައި ފަލަސްތީނުގެ ފަންނީ މާހިރުންގެ ކޮމިޓީއަކާ ޣައްޒާގެ އިދާރީ ކަންކަން ހަވާލުކުރުމަށް ވެސް މި ޕްލޭނުގައިވެއެވެ.
ޑިޕްލޮމެޓިކް މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ ހަތިޔާރެއް އަތުލެވޭނެއެވެ. އަދި ޣައްޒާގައި ހުރި ހުރިހާ ބިންގަރާސްތަކާއި ހަތިޔާރު ގުދަންތަކާއި ހަތިޔާރު އުފައްދާ ތަންތަން ނައްތާލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. ހުރިހާ ހަތިޔާރެއް ހުންނާނީ ބައިނަލްއަޤްވާމީ ފައުޖުތަކުގެ އެހީތެރިކަމާއެކު ކޮމިޓީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ.
ހަމާސްގެ ފަރާތުން ބުނެފައިވަނީ، އެމީހުން ހުށަހެޅި އިސްލާހުތަކަށް އިޒްރޭލުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ސިޔާސީ މަސްދަރަކުން ބުނެފައިވަނީ، ހުށަހެޅިފައިވާ އެއްބަސްވުމުން އިޒްރޭލުގެ ޑިމާންޑްތަކަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށެވެ. އިޒްރޭލުން ބޭނުންވަނީ އެއްވެސް ޝަރުތަކާ ނުލައި ހަމާސްގެ ހަތިޔާރު ފުރިހަމައަށް އަތުލުމަށެވެ. އަދި މި ހަފުތާގައި ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބައްދަލުކުރެއްވި އިރު، ޣައްޒާގެ މި މައްސަލައާ ބެހޭގޮތުން ވާހަކަދެކެވިފައި ނުވާ ކަމަށް ވެސް އެ މަސްދަރުން ބުނެފައިވެއެވެ.
އަޔާޑާ މޯލްޑިވްސްގެ މައްސަލާގައި މައުލޫމާތު ހާމަކުރަން އެދިއްޖެ
