ބުނެވޭ ގޮތުގައި ކުރެހުމަކަށް ބަލައިލުމުން، ކުރެހުންތެރިޔާގެ ވިސްނުން އަދި އިހުސާސްތައް އެ ވަގުތެއްގައި ހުރި ގޮތް ދެނެގަތުމަކީ ފަސޭހަ ކަމެކެވެ. އެއީ އާޓިސްޓުން މޫޑު ހުރި ގޮތް ބަޔާންކުރަން ބައެއް ފަހަރު ކުރެހުން ބޭނުން ކުރާތީ އެވެ. ބައެއް ހާލަތްތަކުގައި ގަނޑުން ބޭރަށް ވެސް ކުރެހުންތެރިޔާގެ ފިކުރު ދޫކޮށްލެވިފައިވެ އެވެ. މިއީ ވެސް އެފަދަ ހުނަރުވެރި އާޓިސްޓެކެވެ.
ރ. ހުޅުދުއްފާރަށް ނިސްބަތްވާ އަބްދުﷲ ޝާފިއު ވަރަށް ކުޑައިރުން ފެށިގެން ކުރެހުމަށް ހާއްސަ ޝައުގުވެރި ކަމެއް ހުރެ އެވެ. އޭގެ އަހަރުތަކަކަށް ފަހު، މޮޑެލް ހެދުމުގެ ފަންނަށް އޭނާ އެނބުރުނީ ގާތް ރަހުމަތްތެރިއަކު ތްރީޑީ ކުރެހުން އޭނާއަށް ތައާރަފް ކޮށްދިން ހިސާބުންނެވެ. އެ ދުވަހުން ފެށިގެން ގަވައިދުން ތްރީޑީ ކުރެހުން އޭނާ ކުރަހަ އެވެ. އެއަށްފަހު ދެން ޝާފިއު ބޭނުންވީ އޭނާގެ ބޭބެ ފަދައިން އޭނާއަށް ވެސް ތްރީޑީ މޮޑެލް ހެދޭތޯ ބެލުމަށެވެ.
"އަޅުގަނޑުގެ ބޭބެ ތްރީޑީ މޮޑެލް ހަދާ ތަން ފެނި އެކަން ކުރުމަށް ވަރަށް ޝައުގު ވެރިވެވުނު. ފުރަތަމަ އަޅުގަނޑު ތްރީޑީމޮޑެލް ހަދަން ފެށި އިރު އުޅުނީ ސްކޫލުގައި. އޭރަކީ ރާއްޖޭގައި އިންޓަނެޓް އެހާ އާންމު ދުވަސްވަރެއް ނޫން. ވީމާ ތަފާތު އެއްޗެހި ބޭނުން ކޮށްގެން މޮޑެލް ހަދާ އުޅުނީ އަމިއްލަ ވިސްނުމަށް. ބޭނުންކުރީ ކަރުދާސް ފޮށި. ތެރަހުގެ ގޮތުގައި ބޭނުން ކުރީ ފުށް ތެރަސް. ހަގީގަތަށް ބުނާނަމަ، އޭރު މާގިނަ ސާމާނެއް ނުލިބޭ. ނަމަވެސް މިހާރު ޕީވީސީ، ފޯމް ބޯޑް އަދި ސުޕާ ގްލޫ އާއި ޑަންލޮޕް ފަދަ ތަކެތި މަސައްކަތުގައި ބޭނުން ކުރަން،" ޝާފިއު ތްރީޑީ މޮޑެލްގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ބުންޏެވެ.
ހުޅުދުއްފާރު ސުކޫލުން އޭލެވެލް ނިންމުމަށް ފަހު، އޭނާ ދެން މާލެއަށް ބަދަލުވީ އިތުރަށް ކިޔަވާށެވެ. ޝަރީއާ އިން ލޯގެ ދާއިރާއިން ކިޔެވުމަށް ފަހު، މިހާރު އޭނާ ވަޒީފާ އަދާކުރަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގަ އެވެ. ވަޒީފާގައި އުޅެމުން މޮޑެލިންގެ މަސައްކަތް ކުރާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދޭކަން އޭނާ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
މެދު ޒިޔާރަތުގެ މޮޑެލުން ބޮޑު މަޝްހޫރުކަމެއް
ޝާފިއުގެ މޮޑެލްގެ މަސައްކަތް އާންމުންގެ ސަމާލުކަމަށް އައީ ކޮވިޑް ތެރޭގައި އޭނާ މެދު ޒިޔާރަތުގެ މޮޑެލްއެއް ހަދައި، ސޯޝަލް މީޑިއާއާ ހިއްސާ ކުރި ހިސާބުންނެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ އެ މޮޑެލް ހެދީ އޭނާގެ އަންހެނުންގެ އެދުމަކަށެވެ. މެދު ޒިޔާރަތުގެ މޮޑެލް "ވައިރަލް" ވުމުގެ ސަބަބުން އެ މަސައްކަތް ކުރުމަށް އޭނާއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ޝާފިއު އާންމުކޮށް ހަދަނީ ދިވެހި އާސާރީ ބިނާތަކެވެ. އެކަމަށް އޭނާ ހާއްސަ ކުރަނީ ލިބޭ ހުސް ވަގުތެވެ. ކިތަންމެ ބުރަ ނަމަވެސް އަދި ކިތަންމެ ވަގުތެއް އެކަމުގައި ހޭދަ ކުރަން ޖެހުނު ނަމަވެސް، އޭނާ މަސައްކަތް ކުރަނީ އަމިއްލަ އަށެވެ. ނަމަވެސް އެ މަސައްކަތުގައި ވަރަށް ގާތުން އެހީތެރިވާ ބަޔަކު ވެސް ވާ ކަން އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރެ އެވެ.
"އަޅުގަނޑުގެ އަންހެނުންނާއި މަންމަ އާއި އަދި ބައްޕަ މި މަސައްކަތުގައި ވަރަށް ބޮޑަށް އެހީތެރި ވެދޭ. މޮޑެލް ހަދަމުން ދާއިރު އެ މޮޑެލްއަށް ބިނާކުރަނިވި ފާޑެއް އެންމެ ފުރަތަމަ ވެސް ކިޔާނީ އަންހެނުން. އަންހެނުންގެ ލަފަޔާ އެއްގޮތަށް މޮޑެލްއަށް ބަދަލުތައް ގެންނަން. ދެން މޮޑެލް ހެދުމަށްޓަކައި، މާލެއިން ނުލިބޭ އެއްޗެއް ރަށުން ހޯދުމަށް މަންމަ ނުވަތަ ބައްޕަ ކައިރީ ބުނެލުމުން ވީއެންމެ އަވަހަކަށް ފޮނުވައިދޭ، "ޝާފިއު ބުންޏެވެ.
އިތުރު ތައާރަފަކަށް ބޭނުންނުވާ ތާރީހީ ބިނާ ހެދުމަށް އިސްކަންދޭ
"އަޅުގަނޑު އާންމުކޮށް ހަދަނީ ރާއްޖޭގެ ނަން މަޝްހޫރު ބިނާތައް. ދިވެހިރާއްޖެގައި އިތުރު ތައާރަފަކަށް ބޭނުން ނުވާވަރުގެ ބިނާތައް. މިސާލަކަށް ޝަހީދު ހުސެން އާދަމް ބިލްޑިން ހަދާފައި ދައްކާލީމަ އެއްވެސް މީހަކު ސުވާލެއް ނުކުރާނެ އެއީ ކޮން އިމާރާތެއް ކަމެއް. އެެހެން ގޮސް މެދު ޒިޔާރަތާ، ޝަހީދު ހުސެން އާދަމް ބިލްޑިންއާ، އަދި ނޮވެމްބަރު ތިނެއްގެ ހަމާލާ އާ ގުޅިގެން ހަދާފައި ހުންނަ ޝަހީދުންގެ ބިނާގެ މޮޑެލްގެ އިތުުރުން އިސްލާމީ މަރުކަޒު ވެސް ހެދިން. އާންމު ގޮތެއްގައި އެއިން މޮޑެލެއްގެ މަސައްކަތް ނިންމާލަން މަހެއްހާ ދުވަސް ހޭދަވާނެ،" ޝާފިއު އިތުރަށް އޮޅުން ފިލުވައި ދިނެވެ.
އާދައިގެ ކުރެހުން ކުރެހުމަކީ ވެސް އަދި ތްރީޑީ ކުރެހުން ކުރެހުމާއި ތްރީޑީ މޮޑެލް ހެދުމަކީ ވެސް އޭނާގެ ހޮބީ އެވެ. ހުސް ވަގުތު ބޭނުންތެރި ގޮތުގައި ހޭދަކުރުމަށް ކުރާ މަސައްކަތެކެވެ. އޭނާގެ ،މަސައްކަތް އެފްބީގެ "ގާފޮޅު" ޕޭޖުން އެހުރީ ފެންނާށެވެ. އެ ޕޭޖަކީ އޭނާގެ މޮޑެލްތައް ވިއްކުމަށް އެހީތެރިވުމުގެ ގޮތުން އެއް ދުވަހަކު އޭނާގެ ގާތް ރައްޓެއްސަކު ހަދާފައި ހަދިޔާކުރި ޕޭޖެކެވެ. އެ ދުވަހަށް ފަހު، މިއަދާ ހަމައަށް ވެސް، އެ އެފްބީ ޕޭޖު ހިންގަމުން އަށްނަނީ ޝާފިއު އެވެ.
ޝާފިއު ހަދާ މޮޑެލްތަކަށް އޮންނަ ޑިމާންޑް ބޮޑުކަން އޭނާ ފާހަގަ ކުރެ އެވެ. އެގޮތުން އޭނާ މިހާތަނަށް ހެދި އެއްވެސް މޮޑެލެއް ނުވިކިފައެއް ނުވެ އެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އެކި އިވެންޓްތަކަށް، އެކި ކަހަލަ އެކި ބޮޑުމިނުގެ މޮޑެލްތައް ހެދުމަށް ވެސް އޭނާއަށް ގިނަ އޯޑަރު ލިބެ އެވެ.
ގައުމީ ވަނައެއް ލިބުމުގެ އުންމީދު
މިހާރު އޭނާގެ އަމާޒު ހުރީ ގައުމީ ފެންވަރުގެ ވަނައެއް އޭނާގެ މަސައްކަތަށް ހޯދުމަށެވެ. އެކަމަށްޓަކައި ވަރަށް ފުރިހަމަ އާސާރީ ބިނާއެއް އޭނާ ވަނީ ދާދިފަހުން ތައްޔާރު ކޮށްފަ އެވެ.
"މިއަހަރުގެ އެކްސްޕޯގައި ބައިވެރި ކުރުމަށް މިހާރު ހަދަމުން މިގެންދަނީ 'ކަޅުވަކަރު' މިސްކިތުގެ މޮޑެލް. އޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް ދެ ފޫޓުބައި. މިހާތަނަށް ހެދި އެންމެ ކަވި އަދި އެންމެ ބުރަ މަސައްކަތް އެއީ. އެ ހަދަން ވިސްނައިގެން ފޮޓޯތައް ނަގާ، އޭގެ ކުރެހުންތައް ކުރަހާ، އެއަށްފަހު އޭގެ ކެނޑުންތައް ގެންނާނެ ގޮތް ދަސްކޮށް އަދި އޭގެ ބައެއް ޓެސްޓްތައް ފުރިހަމަ ކުރުމަށް ގާތްގަނޑަކަށް ދެ އަހަރު ހޭދަވި. އެއަށްފަހު މަސައްކަތް ފަށައިގެން ނިންމުމަށް އިތުރު އެއްއަހަރު ނެގި،" ޝާފިއު ބުންޏެވެ.
މީގެ ކުރިން ބޭއްވި އެކްސްޕޯއެއްގައި ވެސް އޭނާ ވަނީ އޭނާ ވަޒީފާ އަދާކުރާ މުއައްސަސާ ތަމްސީލު ކޮށްދީފަ އެވެ. އެ ފަހަރުގެ އެކްސްޕޯގައި އޭނާ ބައިވެރިވީ މާބޮޑު ތާއްޔާރުވުމެއް ނެތި، އޭނާގެ އަތުގައި އެ ވަގުތު ހުރި މޮޑެލްތަކާއެކު އެވެ. އެ އަހަރު ވަނައެއް ނުލިބުނު ނަމަވެސް، އެކްސްޕޯއަށް ގެންދިޔަ ހުރިހާ މޮޑެލްތައް ވިއްކާލެވުނު ކަމަށް އޭނާ ބުންޏެވެ.
ޝާފިއުގެ ބުރަ މަސައްކަތުން ހަދާ މި ފުރިހަމަ މޮޑެލްތައް ވަކި އަގެއް ކަނޑައަޅައިގެން ވިއްކުމަކަށް އޭނާ މިވަގުތު ޓާގެޓެއް ނުކުރެ އެވެ. އެއަށް ޝައުގުވެރިވާ މީހަކު އެ ގަތުމުން މި ވަގުތަށް އޭނާއަށް ފުދެ އެވެ. އެހެން ނަމަވެސް މުސްތަގުބަލުގައި ރަނގަޅު އަގެއްގައި އޭނާގެ މޮޑެލްތައް ވިއްކުމަށް ރިސޯޓް ދާއިރާއަށް، އެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އޭނާ ކުރާ އުންމީދެކެވެ.
ޝާފިއުގެ މޮޑެލްތަކަށް ބަލައިލުމުން އެ ގެންނަން ބޭނުންވާ ފުރިހަމަކަން ވަރަށް ރަނގަޅަށް ގެނެސްފައިވާ ކަން ފާހަގަ ވެ އެވެ. ކޮށްފައިވާ ކަވި މަސައްކަތް އެހާ ވެސް ނަލަވެފައި އޮމާނެވެ. އޭނާ ބުނާ ގޮތަށް އެ ބިނާ ބުނެދޭކަށް އިތުރު ތައާރަފަކަށް ވެސް ބޭނުމެއް ނުވެ އެވެ.