ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ސޮއިކޮށްފައިވާ "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް" ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދު ރަސްމީކޮށް އަމަލުކުރަން ފަށައިފި އެވެ.
މި އެއްބަސްވުމަކީ ރައީސް މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކަށްފަހު އެކުލަވާލެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ކަނޑައަޅާފައިވާ ވަކި ބާވަތްތަކެއްގެ މުދަލުން ޑިއުޓީ ކަނޑާލުމަށް ނުވަތަ ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ގޮތުން ދެ ގައުމުގެ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް، ބަދަލުކުރަންޖެހޭ ފައިނަލް ނޯޓިފިކޭޝަންތައް މިހާރު ވަނީ ލިޔުމުން ބަދަލުކޮށްފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މިއަދުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ދިވެހި އުފެއްދުންތައް ތުރުކީގެ ބާޒާރަށް ފަސޭހަކަމާއެކު ބޭރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މާފުށީ ބޭރުގައި އޮންނަ ސަފާރީ ތޮށި މައްޗަށް އުރި ފުނޑުފުނޑުވެއްޖެ
ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30އަށް އިތުރުކޮށްފި