ދެކުނު ކޮރެޔާގެ ދުނިޔެ މަޝްހޫރު ބޭންޑް ބީޓީއެސްގެ އެންމެ ފަހުގެ އަލްބަމް "އަރިރަންގް"އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބި، ރެކޯޑުތަކެއް މުގުރާލާފައި ވަނިކޮށް، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ގްރޭމީ އެވޯޑްސްއަށް އެ އަލްބަމް ނުވަތަ ލަވަތައް ހުށަނޭޅުމަށް އެ ގްރޫޕުން ނިންމައިފި އެވެ.
ރެކޯޑިން އެކެޑެމީއިން ވަނީ ގްރޭމީ އެވޯޑްސްއަށް "ބެސްޓް އޭޝިއަން ޕޮޕް ޕާފޯމަންސް"ގެ ނަމުގައި އާ ކެޓަގަރީއެއް އިތުރު ކޮށްފަ އެވެ.
ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުގައި، އޭޝިއާގެ އާޓިސްޓުން މައިގަނޑު ކެޓަގަރީތަކުން އެކަހެރިކޮށް، ވަކި ކެޓަގަރީއެއްގައި ހިމެނުމަކީ ބީޓީއެސް އާއި އެ ގްރޫޕުގެ މެނޭޖްމަންޓުން ގަބޫލުކުރާ ގޮތެއް ނޫނެވެ.
އަސްކަރީ ހިދުމަތް ނިންމުމަށްފަހު ބީޓީއެސްގެ މެމްބަރުން އެކުގައި ނެރުނު އަލްބަމް "އަރިރަންގް" ވަނީ ބިލްބޯޑް 200 އަދި އެހެނިހެން ބައިނަލްއަގުވާމީ ޗާޓުތަކުގެ އެއްވަނަ ހޯދައި، ފާޑުކިޔުންތެރިންގެ ބޮޑު ތައުރީފެއް ހޯދާފަ އެވެ.
ބީޓީއެސްގެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގްރޫޕުގެ އަމާޒަކީ ވަކި އެވޯޑެއް ހޯދުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމީހުންގެ ފޭނުންނާ ހަމައަށް މިއުޒިކާއި މެސެޖު ފޯރު ކޮށްދިނުން ކަމަށެވެ.
މި ނިންމުމާއެކު ބީޓީއެސްއިން ވަނީ ހުޅަނގުގެ މިއުޒިކް އެވޯޑުތަކުގައި އޭޝިއާގެ އާޓިސްޓުންނަށް ހައްގު މަގާމު ނުލިބޭ ކަމަށް ބުނެ އުފެދިފައިވާ ބަހުސަށް އިތުރު ބާރެއް ދީފަ އެވެ.
މީގެ ކުރިންވެސް ބީޓީއެސް ވަނީ ގްރޭމީ އެވޯޑަށް އެކި ފަހަރު މަތިން ނޮމިނޭޓްވެފަ އެވެ. ނަމަވެސް އެމީހުންގެ "އަރިރަންގް" އަލްބަމް ހުށަނާޅަން ނިންމި ނިންމުމަކީ މިއުޒިކް ދާއިރާގައި އެމީހުންގެ ނުފޫޒާއި މިނިވަންކަން ހާމަ ކޮށްދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
އައްސާމް ކާރިސާ: އާއްމުންނަށް ކާތިކްގެ ދީލަތި އެހީއެއް!