މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން، ކ. މާފުށީ ބޭރުގައި ފްލޯޓިން ބާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަފާރީއެއް އެ ރަށު ބަނދަރު ސަރަހައްދަށް ލައްވެ، ބޮޑެތި ގެއްލުންތަކެއްވެ ފުނޑުފުނޑުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:30 އެހާކަންހާއިރުއެވެ. މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ސަފާރީގެ ނަގިލި ކަހާލައިގެން ގޮސް ބަނދަރު ސަރަހައްދަށް ލައްވުމާއެކު، ނަގަމުންދިޔަ ބޮޑެތި ރާޅުތަކާއެކު އުޅަނދު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މި ހާދިސާ ހިނގި ވަގުތު ސަފާރީގައި ތިބި މީހުން މޫދަށް ފުންމާލައިގެން ސަލާމަތްވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މާފުށީ ފަޅުން ބޭރުގައި އާންމުކޮށް އަޅާފައި އޮންނަ މި ސަފާރީއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. މަންޒަރު ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އުޅަނދު އެއްގަމަށް ލައްވާން ފެށުމާއެކު އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު މޫދަށް ފުންމާލާފަ އެވެ. ނަމަވެސް، އެ ވަގުތު އުޅަނދުގައި ތިބި މީހުންގެ ސީދާ އަދަދެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އުޅަނދު ފުނޑުފުނޑުވުމުގެ ސަބަބުން އޭގެ ބައިތައް މާފުށީ ފަޅުތެރެއަށް އެޅިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު އޮތް ކަމަށްވެސް ވަނީ އިންޒާރު ދީފަ އެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކޯސްޓްގާޑުންނާއި މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި
ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތައް ނުނިމޭތީ
"ޖުމާންޖީ: އޯޕަން ވޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި