މާލޭގެ ޖަންގްޝަނަކުން ނަޖިސް ބޭރުވަމުންދާއިރު ވެސް އެމްޑަބްލިޔުއެސްސީން އެކަމާ އަޅާނުލާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ނަސަންދުރާ ފުރަހަގުގައި ހުރި ޖަންގްޝަނުން ވަރަށް ބޮޑަށް ނަޖިސް ބޭރުވެ، މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކާ އެކުވެ މުޅި ސަރަހައްދުގައި ވަނީ ނުބައި ވަސް ހިފާފަ އެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ ކުންފުނި ކަމަށްވާ އެމްޑަބްލިޔުއެސްސީން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. މާލޭގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމަކީ އެމްޑަބްލިޔުއެސްސީގެ ސީދާ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ވީނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑިއާގައި މިކަމުގެ އިލްޒާމު މާލެ ސިޓީ ކައުންސިލްގެ ބޮލުގައި އަޅުވައި، އެ ކައުންސިލް ބަދުނާމު ކުރަމުންނެވެ. އާންމުންގެ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމެއްގެ ސަބަބުން މާލޭގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ފަހަކަށް އައިސް ޕީއެންސީގެ އެކްޓިވިސްޓުން ގެންދަނީ އެކަންކަމުގެ ޒިންމާ ސިޓީ ކައުންސިލްގެ ބޮލުގައި އަޅުވަމުންނެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ، މާލޭގެ ހުރިހާ ކަމަކީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ކަންކަމެއް ނޫން ކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފަދަ އަސާސީ ކަންކަމަކީ ސަރުކާރުގެ ކަމާބެހޭ ކުންފުނިތަކާ ގާނޫނީ ގޮތުން މަތިކޮށްފައިވާ ކަންކަން ކަމަށާއި، އެފަދަ ކަންކަމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ޒިންމާ ނަގަންޖެހޭނީ އެ ޚިދުމަތްތައް ދޭ ކުންފުނިތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.