މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭގެ އާ މިއުޒިކް ވީޑިއޯ "ޕެޓަލް" އާންމުވުމާއެކު، އޭނާގެ ސިއްހީ ހާލަތާމެދު ގިނަ އަދަދެއްގެ ފޭނުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މިއުޒިކް ވީޑިއޯއިން އެރިއާނާ ފެނިގެންދާ ގޮތުން އޭނާ މާބޮޑަށް ހިކިފައިވާ ކަމަށާއި ވަރުބަލިކަން ދައްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން ދަނީ ހިޔާލު ފާޅު ކުރަމުންނެވެ.

މި ކަންބޮޑުވުންތައް ބޮޑުވެގެން ދިޔަ އަނެއް ސަބަބަކީ، އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އިވެންޓެއްގައި ބައިވެރި ނުވާން އެރިއާނާ ކުއްލިއަކަށް ނިންމުމުންނެވެ.

މި އިވެންޓުން ވަކިވުމަށްފަހު، އެރިއާނާގެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ބޭނުންވަނީ މަސައްކަތްތަކުން ކުޑަކޮށް ދުރުވެ، އަމިއްލަ ސިއްހަތަށާއި ނަފްސަށް ވަގުތުދީ "ސްޓެޕް ބެކް" އެއް ނަގާށެވެ.

އެރިއާނާގެ ސިއްހަތާމެދު ސުވާލު އުފައްދަމުންދާ އިރު، އޭނާގެ ބައެއް ސަޕޯޓަރުން ދަނީ އޭނާއަށް ހިތްވަރުދީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް އިސްކަން ދިނުމަށް އެދެމުންނެވެ.

އާންމުންގެ ފާޑުކިޔުންތަކުގެ ސަބަބުން އޭނާއަށް ކުރިމަތިވާ ނުފޫޒުތަކުން ދުރުވުމަށް މިފަދަ ބްރޭކެއް ނެގުމަކީ މުހިންމު ކަމެއް ކަމުގައި ގިނަ ފޭނުން ގަބޫލުކުރެ އެވެ.

މީގެ ކުރިންވެސް އެރިއާނާ ވަނީ އޭނާގެ ސިއްހަތާއި ހަށިގަނޑުގެ ބައްޓަމާ ގުޅޭގޮތުން އާންމުން ދައްކާ ވާހަކަތަކަށް ރައްދުދީ، މީހުންގެ ސިފައަށް ފާޑު ނުކިޔުމަށް އެދިފަ އެވެ. ނަމަވެސް، މި ފަހަރުގެ ނިންމުމާއެކު އޭނާ މިއުޒިކީ ދާއިރާއިން ކުޑަ ދުވަސްކޮޅަކަށް ދުރުވެލާނެ ކަމަށް ބެލެވެ އެވެ.