ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްނުކޮށް އެ އިންތިހާބު ބާއްވަން އޮތް ތާރީހުގައި ބޭއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެލްޖީއޭއިން ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމީ އިންތިހާބާ ގުޅިގެން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ. ނަމަވެސް، އެ ނިންމުމަށް ފާޑުވިދާޅުވަމުން ނަޝީދު އެކްސްގައި ލިޔުއްވާފައިވަނީ އެލްޖީއޭ ބޯޑުގެ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަކީ އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާން ކުރުން ކަމަށާއި އެލްޖީއޭގެ އިންތިހާބު ތާރީހަށް ބާއްވަން ޖެހޭނެ ކަމަށެވެ.
އެލްޖީއޭއިން ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށެވެ. އެލްޖީއޭއިން އިންތިހާބު ފަސްކުރުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރާއި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އާއި ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ.
މީގެއިތުރުން އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ ދާއިރާއިން ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަންޏެވެ. އޭނާއާ ދެކޮޅަށް އެހެން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.
އެލްޖީއޭގެ ބޯޑަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުމުގައާއި ކައުންސިލްތަކުގެ ކަންކަން ބަލަހައްޓައި ވިލަރެސްކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ގުނަވަނެވެ. މި ބޯޑުގައި މިހާރު ހިމެނެނީ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރުގެ އިތުރުން ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު އެވެ.
މި ބޯޑަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން އިންތިހާބުކުރުން ލަސްވުމަކީ ލާމަރުކަޒީ ނިޒާމުގެ ހިންގުމަށް ބުރޫއަރާނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ގުދުރަތީ ނިޒާމެއް!
