ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ހަފުތާއިން ފެށިގެން ކުރަމުންދާ ވިއްސާރައިގެ އަސަރު މި ހަފްތާގައިވެސް ބައެއް ސަރަހައްދުތަކަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ. ހާއްސަކޮށް މިރޭގެ ވަގުތުތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަކުރާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިހާރުވެސް މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. މިކަމާ ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަދަވާނެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ދެކުނުގައި 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ހުރި އިރު، އުތުރާއި މެދުރާއްޖެތެރޭގައި 4 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނަކަށް ރާޅު އުފުލޭނެއެވެ.

މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު، ބުދަ އަދި ބުރާސްފަތި ދުވަހުވެސް ދެކުނާއި މެދުރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.