ހެނދުނު ހޭލާ ގޮތަށް ނިދި ފިލުވާލައި، މޯޅިކަން ކަނޑުވާލަން ގިނަ މީހުން އެންމެ ފުރަތަމަ ވެސް ބޯލަނީ ކޮފީ ތަށްޓެކެވެ. ނަމަވެސް، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަލޯކް ޗޯޕްރާ ވިދާޅުވާ ގޮތުގައި، ހެނދުނު ހޭލާއިރު ހަށިގަނޑު ހަމައަކަށް އަޅުވައި، ދުވަސް ފެށުމަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮފީއެއް ނޫނެވެ.

ޑރ. އަލޯކް ހާމަ ކުރެއްވި ގޮތުގައި، ހެނދުނު ހޭލާއިރު ހަށިގަނޑުގައި "ކޯޓިސޯލް" (ހަށިގަނޑު ހޭލައްވައިދޭ ގުދުރަތީ ހޯމޯން) ހުންނާނީ އެންމެ މަތީ މިންވަރެއްގަ އެވެ.

މިއީ ހަށިގަނޑު އަމިއްލައަށް ހޭލުމަށް ތައްޔާރު ވެފައިވާ ވަގުތެކެވެ. އެހެން ކަމުން، މި ވަގުތު ކޮފީ ފަދަ ކެފެއިން އެކުލެވޭ އެއްޗެއް ބުއިމުގެ ބަދަލުގައި، ހަށިގަނޑުގެ ގުދުރަތީ "ރިދަމް"އާ އެއްގޮތަށް ހަރަކާތްތެރިވުން މުހިންމެވެ.

މިގޮތުން ހެނދުނު ހޭލައިގެން އެންމެ ފުރަތަމަވެސް 15 އާއި 20 މިނެޓުގެ "ހައި-އިންޓެންސިޓީ އިންޓަވަލް ޓްރޭނިންގް" ކަސްރަތު ކުރުން ހިމެނޭ ކުރު ކަސްރަތު ސެޝަނެއް ފެށުމަށް އޭނާ އިރުޝާދު ދެއްވަ އެވެ.

މީގެ ސަބަބުން ހިތުގެ ހިންގުން އަވަސްވެ، މެޓަބޮލިޒަމް ރަނގަޅުވެ، އިންސިއުލިން ސެންސިޓިވިޓީ އިތުރުވެ، ދުވަސް ފެށުމަށް ބޭނުންވާ ގުދުރަތީ ހަކަތަ ހަށިގަނޑުގައި އުފެދިގެންދެ އެވެ.

ކަސްރަތަށްފަހު، ސިކުނޑިއާއި ހަށިގަނޑުގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށްޓަކައި "ފަހަތަށް ހިނގުން" ކުރިއަށް ގެންދިއުމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.

ފަހަތަށް ހިނގުމަކީ ސިކުނޑީގައި އައު ނާރުތަކުގެ "މަގުތަ"އް އުފައްދައި، އުމުރުން ދުވަސްވުމުގެ މަރުހަލާ ލަސް ކޮށްދިނުމަށް އެހީތެރިވެދޭ ސައިންސް ގަބޫލުކުރާ ކަމެކެވެ.

އޭގެ ފަހުން، ހަށިގަނޑާއި ނާރުތަކުގެ ނިޒާމު ހަމައަކަށް އަޅުވައި، ހިތުގެ ހިންގުން ގުދުރަތީ މިންގަނޑަށް ގެނައުމަށްޓަކައި ފުންކޮށް ނޭވާލާ ކަސްރަތުތައް ކުރުމަށް އޭނާ އިރުޝާދު ދެއްވަ އެވެ.

އެހެންކަމުން، ހެނދުނު ހޭލާ ގޮތަށް ކޮފީ ތަށްޓަކަށް ބަރޯސާވުމުގެ ބަދަލުގައި، ހަށިގަނޑުގެ ގުދުރަތީ ހޯމޯންތަކުގެ ބޭނުން ހިފައި، ކުރު ކަސްރަތަކުން ދުވަސް ފެށުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި މުޅި ދުވަހުގެ ހަކަތައަށް އޮތް އެންމެ ރަނގަޅު ހައްލެވެ.