ކެންސަރަކީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައި ކުރިން ބެލެވިފައި އޮތް ނަމަވެސް، މިހާރު އެކަން ދަނީ ހަލުވި ކަމާއެކު ބަދަލު ވަމުންނެވެ.
އުމުރުން 20، 30 އަދި 40 ގެ އަހަރުތައް ގުނަމުންދާ ޒުވާނުންނަށް ކެންސަރު ޖެހޭ މިންވަރު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ.
މެދާންތާ ހޮސްޕިޓަލުގެ މެޑިކަލް އޮންކޮލޮޖީގެ ސީނިއާ ކޮންސަލްޓަންޓް ډޮކްޓަރު އަންކުރް ނަންދަން ވަރުޝްނީ ވިދާޅުވާ ގޮތުގައި، ޒުވާނުންގެ މެދުގައި ކެންސަރު އިތުރުވަނީ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުންނާއި، ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުންނެވެ.
ޒުވާނުންގެ މެދުގައި އެންމެ އާންމުކޮށް ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ކޮލޮރެކްޓަލް ކެންސަރާއި، އަނގަޔަށް ޖެހޭ ކެންސަރު ހިމެނެ އެވެ. މީގެ އިތުރުން ތައިރޮއިޑް، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، އަދި ލޭގެ ކެންސަރު (ލިއުކީމިއާ އަދި ލިމްފޯމާ) ޖެހޭ ޒުވާނުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފަ އެވެ.
ކެންސަރު ޖެހުމަށް މަގުފަހިކުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ސިނގިރޭޓު ތަފާތު ގޮތްގޮތަށް ބޭނުން ކުރުމާއި، ވޭޕް ކުރުމާއި، ދުންފަތް ހެފުން ފަދަ ކަންކަމަކީ ކެންސަރުގެ ނުރައްކާ އިންތިހާއަށް ބޮޑު ކޮށްދޭ ކަންކަމެވެ.
ހަމައެއާއެކު، ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމަކާއި، މާބޮޑަށް ފަލަވުމާއި، ޕްރޮސެސް ކޮށްފައިވާ ކާނާއާއި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ބޭނުން ކުރުމަކީ ހަށިގަނޑުގައި ދާއިމީ ގޮތެއްގައި އިންފްލެމޭޝަން އުފައްދައި ކެންސަރަށް މަގުފަހިކުރާ ކަންކަމެވެ.
މީގެ އިތުރުން، ނަފްސާނީ ހާސްކަމާއި (ސްޓްރެސް) ނިދި މަދުވުމަކީ ސީދާ ކެންސަރު ޖައްސާ ކަންކަމަށް ނުވި ނަމަވެސް، އެކަންކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ، ނުރައްކާތެރި އެހެން އާދަތަކަށް މީހާ ހުށައަޅައިދެ އެވެ. މިއީ ވެސް ބަލި ޖެހުމަށް އޮތް ފުރުސަތު ބޮޑު ކޮށްދޭ ކަމެކެވެ.
ޑޮކްޓަރު ވަރުޝްނީ ފާހަގަ ކުރެއްވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ، ޒުވާނުން "ތިމާއަކީ އަދި މާ ޒުވާން މީހެކޭ" ހީކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ފަރުވާކުޑަ ކުރުމެވެ.
ސަބަބެއް ނެތި ބަރުދަން ލުއިވުން، ބޮޑުކަމުދާއިރު ނުވަތަ ކުޑަކަމުދާއިރު ލޭ އައުން، ހަށިގަނޑުގައި އާދަޔާހިލާފު ގަނޑުތައް އުފެދުން، ބޮޑުކަމުދިއުމުގެ އާދަތަކަށް ބަދަލު އައުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ކެންސަރަކީ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކޮށް ރަނގަޅު ކުރެވިދާނެ ބައްޔެކެވެ.
ކެންސަރުން ރައްކާތެރިވުމަކީ ބިރުން އުޅުމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކުވެސް ސިއްހަތަށް ފައިދާހުރި ރަނގަޅު ނިންމުންތައް ނިންމުމެވެ.
ދުންފަތާ ދުރުވުމާއި، ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުމުގެ އިތުރުން ވެކްސިން ފުރިހަމަ ކުރުމަކީ ކެންސަރުގެ ނުރައްކަލުން ރައްކާތެރި ވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ސަލްމާންގެ ސިއްހަތާމެދު ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފި
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!