މާލޭގެ މޭޔަރު ކަމުގައި ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލުން ހިންގި ޑިޖިޓަލައިޒޭޝަން މަޝްރޫއެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމަށް އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަޝްރޫއުގައި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ.
މި މަސައްކަތް އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑާ ތިން ފަހަރެއްގެ މަތިން ހަވާލުކުރި ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުތަކުގައި މަސައްކަތް ނިންމިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، 2022 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެވުނު ތިން ފުރުސަތުގައި ވެސް މަސައްކަތް ނިންމިފައެއް ނުވެ އެވެ. އަދި މަސައްކަތް ނުނިމެނީސް، ނުވަ މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އެ ކުންފުންޏަށް ދޫކޮށްފައިވާކަމަށް ވެސް ޒާޔާ ވިދާޅުވި އެވެ.
މި މައްސަލައިގައި ފާހަގަކުރެވޭ އިތުރު ކަންކަމުގެ ތެރޭގައި، މަސައްކަތް ހަވާލުކުރި ކުންފުންޏަކީ 2021 ވަނަ އަހަރު ރަޖިސްޓްރީ ކުރި ކުންފުންޏަކަށް ވެފައި، އެ މަސައްކަތުގެ ތަޖުރިބާ ހުރި ކުންފުންޏެއްކަން އެނގެން ނެތުމާއި، އެ ކުންފުނީގެ ބިޒްނަސް ލައިސަންސް ނުވަތަ ބިޒްނަސް ޕާމިޓް ހުރިކަން ސާބިތުވާން ނެތުން ހިމެނެ އެވެ.
އެއިރު މާލެ ސިޓީ ކައުންސިލުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އޭރުގެ މޭޔަރު މުއިއްޒުގެ އަތްޕުޅުގައި ކަމަށްވުމުން، މަސައްކަތް ނުނިމެނީސް މިހާ ބޮޑު އަދަދަކުން ފައިސާ ދޫކުރުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުން ކަމަށް ބެލެވޭނެ ޖާގަ އޮތް ކަމަށް ވެސް ޒާޔާ ވިދާޅުވި އެވެ.
"އެ މަސައްކަތް ނުނިމެނީސް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދިނުމަކީ ސުވާލު އުފެދޭ ކަމެއް. މި ކަމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމުގައި ތުހުމަތު ކުރެވޭ. މިއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުން ނޫން ކޮންކަމެއްތޯ؟،" ޒާޔާ ވިދާޅުވި އެވެ.
މީގެ އިތުރުން، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑާ ގުޅުންހުރި މުހައްމަދު އަސްބާހު އަލީ ނަސީރަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދެއްވާފައިވާކަން ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށާއި، އަދި މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އޭސީސީއަށް އަންގައިދިނުމަށް އެދި ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރި އެވެ.
އެ މައްސަލަ ދިރާސާކުރަން ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
