އިދިކޮޅު އެމްޑީޕީއަށް ވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ސިލްސިލާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އަޅާކިޔާއިރު އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ފާޅުގައި ޑިމޮކްރަސީގެ އަސާސްތަކާ ހިލާފުވަމުންދާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލައި، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލި ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން އެވަރުގެ އަނިޔާއެއް ނުދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވަނީ އަނެއްކާވެސް އަޅާކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހަށޭ. އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް އިނގޭތޯ. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، އެ އިންތިހާބު ކާމިޔާބު ކުރެވޭހާ ގާތަށް ވެސް ރައީސް މުއިއްޒަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރީ ކަންކަމަށް ފާޑުވިދާޅުވަމުން، ގާނޫނުއަސާސީއާ އެއްގޮތަށް ކަންކަން ނުކުރެވޭ ކަމަށާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނޭޅޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދެމުންދާތީ، މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން އެކަހެރިވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.