ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސޯނޫ ނިގަމް، ލަވަތަކުގައި 'އޮޓޯ-ޓިއުން' ބޭނުން ކުރުމާ ގުޅޭގޮތުން ގެންގުޅޭ ހިޔާލުތައް ހާމަކޮށްފި އެވެ.
"ގޭމް ޗޭންޖާސް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ސޯނޫ ވަނީ އޭނާ އަމިއްލައަށް ވެސް ބައެއް ލަވަތަކުގައި އޮޓޯ- ޓިއުން ބޭނުންކުރާ ކަމަށް އިއުތިރާފުވެފަ އެވެ.
މިއުޒިކް ދާއިރާގައި އޮޓޯ-ޓިއުން ބޭނުން ކުރުމަކީ އަބަދުވެސް ބޮޑެތި ބަހުސްތަކެއް ކުރެވޭ މައުޟޫއެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ހުނަރު ދަށް ލަވަކިޔުންތެރިންނަށް ފުރުސަތު ލިބޭ، އަދި އަސްލު މިއުޒިކްގެ ފެންވަރު ދަށްވާ ކަމެކެވެ.
ނަމަވެސް ސޯނޫ ބުނީ، މިއުޒިކް ރެކޯޑިންގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއެކު، އޮޓޯ- ޓިއުން ބޭނުން ކުރުމަކީ މިހާރު މަޖުބޫރު ކަމަކަށް ވެފައިވާ ކަމަށެވެ.
"ކުރީގައި މިއުޒިކް ހުންނަނީ ލައިވްކޮށް. ހުރިހާ އިންސްޓްރޫމެންޓްތަކެއް އެކުގައި ކުޅެމުން ދިއުމުން، ލަވަކިޔާ މީހާގެ އަޑު އެހާ ބޮޑަށް ފުރިހަމަ ވާން ނުޖެހިދާނެ. އެކަމަކު މިހާރު ހުރިހާ ކަމެއް ޑިޖިޓަލްވެފައި ވުމުން، މިއުޒިކްގެ ހުރިހާ ކަމެއް ވަރަށް ސާފުކޮށް، ފުރިހަމަކޮށް ހުންނަން ޖެހޭ. އެފަދަ ޑިޖިޓަލް މިއުޒިކްގެ ތެރޭގައި އަޑެއް ނެރެފިނަމަ، އެ އަޑު ހުންނާނީ އެހެން ކަހަލަ ގޮތަކަށް،" ސޯނޫ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި، އޮޓޯ-ޓިއުން ބޭނުން ކުރަން ޖެހެނީ ހަމައެކަނި 99 ޕަސެންޓްގައި ހުރި މަސައްކަތް 100 ޕަސެންޓަށް ގެންދިއުމަށެވެ. މީގެ މާނައަކީ އޮޓޯ-ޓިއުން ބޭނުން ކޮށްގެން ހުނަރު ނެތް މީހަކު މޮޅު ލަވަކިޔުންތެރިޔަކަށް ނުހެދޭނެ ކަމަށެވެ.
ފިލްމީ ތަރިން ލަވަކިޔާއިރު އެމީހުންގެ އުފަލަށްޓަކައި މިފަދަ ޓެކްނޮލޮޖީ ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އެމީހުންނަކީ އަސްލު ލަވަކިޔުންތެރިންގެ ބަދަލު ކަމަށް ވެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ސޯނޫގެ މި ވާހަކަތަކާއެކު މިއުޒިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މިއުޒިކް ދިރާސާކުރާ ފަރާތްތަކުގެ އިތުރުން އާއްމުންގެ މެދުގައި އަނެއްކާ ވެސް ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.
މުއައްސަސާތަކުގެ އިތުބާރު ގެއްލުނު އަސްލަކީ މުއިއްޒު: ޔާމީން
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟