ޔޯގާ ކަސްރަތުތަކުގެ ތެރެއިން ބޮލުގެ ބާރުގައި ފައިކޮޅު މައްޗަށް ނަގައިގެން ކުރާ "ހެޑްސްޓޭންޑް"އަކީ ހަށިގަނޑުގެ ބާރާއި، ބެލެންސް އަދި ކޮންޓްރޯލް ހުރި މިންވަރު އަންގައިދޭ ވަރަށް އުނދަގޫ ކަސްރަތެކެވެ.
ނަމަވެސް، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށްޓަކައި މިއަށް ވުރެ ވެސް މާ ބޮޑަށް ވިސްނައިގެން ކުރަންޖެހޭ އަދި އުނދަގޫ ކަންތައްތަކެއް ހުރެ އެވެ.
މިއަދުގެ ހަލަބޮލި ދިރިއުޅުމުގައި، އަބަދުވެސް ކޮންމެވެސް ކަމެއް ކުރުމަށާއި، ފޯނު ޗެކް ކުރުމަށް ސިކުނޑި ބާރުއަޅަ އެވެ. މިފަދަ ވެށްޓެއްގައި އެއްވެސް ކަމެއް ނުކޮށް ހަމަޖެހިލައިގެން އިނުމަކީ ނުވަތަ ހިމޭނުން ހުރުމަކީ ބައެއްފަހަރު ވަރަށް އުނދަގޫ ކަމަކަށްވެ އެވެ.
ތިރީގައި މިވަނީ ޖިސްމާނީ ބޮޑެތި ކަސްރަތުތަކަށްވުރެ ނަފްސާނީ ގޮތުން މާ ބޮޑު މަސައްކަތެއް ބޭނުންނުވާ، ނަމަވެސް ދުޅަހެޔޮކަމަށް ވަރަށް މުހިއްމު 5 އާދައެކެވެ.
ފޯނާ ކައިރި ނުވެ ފަސް މިނެޓު ވަންދެން ހިމޭނުން އިނުން
ލިބޭ ކޮންމެ ހުސް ވަގުތެއްގައި ފޯނު ނަގައި ސްކްރީން ބަލަން އާދަވެފައިވާ ނަމަ، ފަސް މިނެޓު ވަންދެން އެއްވެސް އެއްޗަކާ ނުލައި އިނުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ފޫހިވާ ހިނދު ނުވަތަ ހަމަޖެހިލައިގެން އިންނަން އުނދަގޫވާ ވަގުތު، ފޯނު ނެގުމުގެ ބަދަލުގައި އިން ތަނުގައި އިނދެ ނޭވާލާ ގޮތަށާއި ވަށައިގެންވާ މާހައުލަށް ސަމާލުކަން ދޭށެވެ. މިއީ އަބަދު ފޯނަށް ބަލަނީ ކީއްވެކަން ދެނެގަތުމަށް އެހީވެދޭނެ ކަމެކެވެ.
ކަމެއް ނުކޮށް ހުރުމަކީ ވެސް ކަމެއް ކުރުންކަން ގަބޫލު ކުރުން
އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅެން ޖެހޭނެ ކަމަށް ގަބޫލު ކުރެވިފައި އޮންނަ އޮތުމުގެ ސަބަބުން، ހަމަޖެހިލައިގެން އިނުން ނުވަތަ އަރާމު ކުރުން ބައެއް މީހުންނަށް އުނދަގޫވެ އެވެ. ދުވަހުގެ ކާމިޔާބީ މިންކުރަނީ އެދުވަހު ހާސިލް ކުރެވުނު ކަންކަމުގެ މައްޗަށް ކަމަށް ބަލާ ނަމަ، އަރާމު ކުރުމަކީ ވަގުތު ބޭކާރުވުން ކަމަށް ހީވެދާނެ އެވެ. ނަމަވެސް ސިކުނޑިއަށާއި ހަށިގަނޑަށް އަރާމު ދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
ހަށިގަނޑަށް އުނދަގޫވާ ވަގުތުތަކުގައި ވެސް ކެތްތެރިވުން
ޔޯގާ ކަސްރަތުތަކުގެ ތެރޭގައި ހަށިގަނޑުގެ މަސްތަކަށް އުނދަގޫވާ ފަދަ ޕޯޒްތަކުގައި ތިބޭއިރު، ފުރަތަމަ ވެސް ހިތަށް އަންނާނީ އެކަމުން ސަލާމަތް ވުމެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ކުޑައިރުކޮޅަކު މަޑުކޮށްލައި، ހަށިގަނޑަށް އަންނަ ބަދަލުތަކާއި އަމިއްލަ ނަފުސުގެ ރިއެކްޝަން ދެނެގަތުމަކީ ނަފްސާނީ ގޮތުން މީހާ ވަރުގަދަ ކޮށްދޭ ކަމެކެވެ. (ނަމަވެސް ވޭންދެނިވި ބޮޑު ތަދެއް ނަމަ އެކަން ހުއްޓާލަންވާނެ އެވެ.)
ކަސްރަތުތަކުގައި ގިނައިރު ވަންދެން އެއްގޮތަކަށް ހުރުން
އާންމުކޮށް އާދަވެފައި ހުންނަ ގޮތުން ހަތަރު މިނެޓު ވަންދެން އެއްގޮތަކަށް އިނުމަކީ ނުވަތަ ހުރުމަކީ ވެސް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ހަށިގަނޑުގެ ކޮންމެވެސް ތަނަކަށް ހަރަކާތް ގެންނަން ބޭނުންވާނެ އެވެ. ނަމަވެސް އެ އުނދަގުލަށް ވަގުތުން ރައްދު ދިނުމުގެ ބަދަލުގައި، ސިކުނޑިއާއި ނޭވާލާ ގޮތަށް ސަމާލުކަން ދީގެން ހުރުމަކީ ކެތްތެރިކަމާއި ހޭލުންތެރިކަން އިތުރު ކޮށްދޭ ކަމެކެވެ.
ސިކުނޑީގެ ހަމަޖެހުން ހިފެހެއްޓުން
ކަސްރަތަށްފަހު އަރާމުކޮށްލަން އަންނަ ވަގުތަކީ ސިކުނޑި ހަމަޖައްސާލަން އޮންނަ ވަގުތެކެވެ. ނަމަވެސް އޮށޯންނަ ހިނދު ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓާއި، މާޒީގައި ދެކެވިފައިވާ ވާހަކަތައް ސިކުނޑިއަށް އަންނަން ފަށަ އެވެ. އެފަދަ ވަގުތުތަކުގައި މާދަމާ ކުރަންހުރި ކަންކަމާމެދު ވިސްނުމުގެ ބަދަލުގައި، ހަމައެކަނި "އެވަގުތުގައި" ހުރުމަށް އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ދޭށެވެ.
އަމިއްލަ ހުވަފެންތެއް ކޮންޓްރޯލް ކުރުމަކީ ކުރެވިދާނެ ކަމެއްތަ؟
ޖަހާ ހެދި ބެންކުގެ ހިދުމަތް ދޭން ފަށައިފި
އަޖޭ، ޓައިގާ އަދި ޝާހްރުކް ޚާންއަށް އެފްޑީއޭއިން އިންޒާރު ދީފި