އެމެރިކާއާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއިން ބޭނުންވާ ފަދަ އެއްބަސްވުމަކަށް އީރާނުން އަމަލުނުކުރާނެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ހުއްޓިފައިވާތީ އީރާނުން ބަލި ގަބޫލުކޮށް އަމާންދޭންޖެހޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ފަދަ އެއްބަސްވުމަކަށް އެމީހުން އަމަލެއް ނުކުރާނެ. އަޅުގަނޑުމެން މިކަމުގެ ތެރޭގައި މިތިބީ އެންމެ ސަބަބަކަށްޓަކައި، އެއީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދެވިގެން ނުވާނެ،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޖޫން މަހު އެއްބަސްވި ވަގުތީ އެއްބަސްވުމުގައި، ހުރިހާ ދިމާއަކުން އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ އެއްބަސްވުން ވަނީ ވަރަށް އަވަހަށް އުވާލެވިފަ އެވެ. ޖުލައި މަހުގެ 7 ވަނަ ދުވަހު ޓްރަމްޕް ވަނީ އެ އެއްބަސްވުން ނިމިއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ހަފުތާއެއް ފަހުން އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ އެއްބަސްވުން މެދުކަނޑާލާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
އެ ފަހުމުނާމާގެ ދަށުން، އީރާނާއި އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ ފުޅާ ދާއިރާއެއްގެ މައްސަލަތައް ހިމެނޭ ފައިނަލް އެއްބަސްވުމަކަށް އައުމަށް، ގިނަވެގެން 60 ދުވަހުގެ ތެރޭގައި މަޝްވަރާ ކުރުމަށް އެއްބަސްވެފަ އެވެ. މިދިޔަ ހޯމަ ދުވަހަކީ އެ ފަހުމުނާމާގައި ސޮއިކުރި ފަހުން 60 ދުވަސް ހަމަވި ދުވަހެވެ.
އޭގެ ގަޑިއިރުތަކެއް ކުރިން ފޮކްސް ނިއުސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން ބަލި ގަބޫލުކޮށް ހުދު ދިދަ ނަގަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅީގައި އަލުން ވިޔަފާރި އުޅަނދުފަހަރު ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން އޮމާނާއި އީރާނުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
ޓްރަމްޕް ފޮކްސް ނިއުސްއަށް ވިދާޅުވީ، އޮމާނުން މިކަމަށް ހުރަސްއަޅާނަމަ، އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އުފެދިފައިވާ ދެބަސްވުމުގެ ސަބަބުން ތެލުގެ އަގު އުފުލި، އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ކަނޑައަޅާ ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިހާބާ ދިމާކޮށް، ގައުމުގެ އެތެރޭގައި މަގުބޫލުކަން ކުޑަވެފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕަށް ވަނީ ފިއްތުންތައް ކުރިމަތިވެފަ އެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުވީ އިންތިހާބުގެ ސަބަބުން އީރާނާ މެދު ގެންގުޅުއްވާ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. "އިންތިހާބަކާ އަޅުގަނޑު ވިސްނާ ގޮތަކާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ މުހިންމު އަމާޒަކީ، އަދި އަބަދުވެސް އޮންނާނެ އަމާޒަކީ، އެއްވެސް ގޮތަކަށް އީރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. މިއީ މި ހަނގުރާމަ ކުރިއަށް ގެންދިއުމަށް އޭނާ ދައްކަވާ މައިގަނޑު އެއް ސަބަބެވެ.
ސެލީނާއަށް 1.2 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ދައުވާއެއް!
މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ އުސޫލު ބަދަލުކުރަނީ
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!
