ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ބޭނުންކުރާ ބައެއް ބާވަތްތަކުގެ ތެރެއިން އެތެރެކުރުން މަނާކުރާ ތަކެތި މާދަމާގެ ކުރިން ފްލައިޓަކަށް އަރުވައިފި ނަމަ ރާއްޖެ އެތެރެކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
މިއަދު ކަސްޓަމުން ބުނީ، އެތެރެކުރުން މަނާކުރާ ތަކެތީގެ ތެރެއިން މާދަމާގެ ފަހުން އަންނަ މުދަލުގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލްގައި ޖޫން އެކެއްގެ ކުރީ ތާރީހެއް ވާނަމަ އެ މުދާ އެތެރެކުރުމަށް ހުއްދަ ދޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ނިންމީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަ ދަތިތަކެއް ހުރުމާއެކު ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ.
ނުވަ ބާވަތެއްގެ ޕްލާސްޓިކް މާދަމާއިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އެތެރެކުރުން މަނާކުރަން ހަމަޖެހިފައިވާ ތަކެއްޗަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެތަކެތީގެ ތަފްސީލް މިއަދު ހާމަކުރާނެ އެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުންނަމަ ސުޕާރީ ޕެކެޓާއި، ޕްލާސްޓިކް ހޮޅި، އޫ، ސަމުސާ، ފެންބޯ ކުދި ފުޅިއާއި ޖޫސްޕެކެޓް ފަދަ ތަކެތި އެތެރެކުރުން މަނާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ