އިދިކޮޅު އެމްޑީޕީގެ ކުއްލި ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި އެ ޕާޓީގެ އޮފީހުގައި ކަމަށެވެ.
އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމަށް ލީޑާޝިޕުން އެކުލަވާލާފައިވާ މަގުޗާޓުގައި ހިމެނޭ ދެ ކަމެކެވެ. އެއީ ލީޑާޝިޕްގެ ރެޕިޑް ރެސްޕޮންސް ޓީމެއް އެކުލަވާލުމާ މެދު ގޮތެއް ނިންމުމާއި ކުއްލި ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމުމެވެ.
އެމްޑީޕީން ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮންގްރެސްއެއް ބާއްވަން މަސައްކަތްކުރާ ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ.
ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކޮށްފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކަންޏެވެ. އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.