ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަބީޖީތުއަކީ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ އަޑުކަމުގައި ގިނަ ބަޔަކު ގަބޫލުކުރި އެވެ. ޝާހުގެ ގިނަ ފިލްމުތަކަކަށް އަބީޖީތު ލަވަ ކިޔައިދީފައިވެ އެވެ.
އެހެން ނަމަވެސް އެ ދެ ތަރިން އެކަކު އަނެކަކާ މޫނުޖެހި ވާހަކަ ނުދައްކާތާ މިހާރު ވަނީ އަހަރުތަކެއް ވެފަ އެވެ. ސަބަބަކަށް ވެފައިވަނީ އެކުގައި ކުރި މަސައްކަތްތަކުން ޝާހްރުކް ޚާންއަށް މާ ބޮޑަށް ފައިދާވުމެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި އަބީޖީތު ވަނީ އަނެއްކާ ވެސް އޭނާއާއި ޝާހްރުކް ޚާންގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކައި އޭނާއަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފަ އެވެ.
އަބީޖީތު ބުނެފައި ވަނީ ހުރިހާ މަސައްކަތެއްގެ ތައުރީފާއި ނަން ލިބެނީ ޝާހްރުކް ޚާންއަށް ކަމަށާއި އެކަމުގައި އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނަ ކަމަށެވެ. އެގޮތުން ފިލްމުގެ އެކްޓަރަކީ ވެސް ޝާހު ކަމަށާއި ލަވަކިޔައި އެޑިޓްކޮށް ފިލްމު އުފައްދާފައިވަނީ ވެސް ހަމަ ޝާހްރުކް ޚާން ކަމަށް އަބީޖީތު ބުންޏެވެ.
"މީހުން ބުނަނީ އެއީ ޝާހްރުކް ޚާންގެ ލަވައެކޭ. ދެން އަހަރެން ހަނދާންވަނީ އެލަވައަކީ އަހަރެންގެ ލަވައެއް ނޫންކަން،" ނުރުހުމުގެ ރާގަކަށް އަބީޖީތު ބުންޏެވެ.
އަބީޖީތު ކިޔައިދީފައިވާ ޝާހްރުކް ޚާންގެ ލަވަތަކުގެ ތެރޭގައި "ޒަރާސާ ޖޫމްލޫމް މޭ"، "ވާދާރަހާ ސަނަމް" އަދި "ތައުބާ، ތުމްހާރޭ ޔޭ އިޝާރޭ" ފަދަ ލަވަތައް ހިމެނެ އެވެ.