ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާތް މީހުންނަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ފަސްއަޅައި ފޮރުވަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާއި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ އިތުރުން ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ގޮސް ނިމެނީ ރައީސް މުއިއްޒާ ހަމައިން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއިން އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގައި ފިޔަވަޅު ނޭޅޭ ކަމަށެވެ. އެކަމަކު ރައީސް މުއިއްޒު ބޭނުންފުޅުވާ މައްސަލައެއް ބެލޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މަނިކުފާނު ބޭނުންވީމަ، ޝައްމާނު ވާނުވާގައި. އާރަށުގެ ހޯދަން އެދުން ކުށެއް، އަދި އެކަން ތަޙްގީގު ކުރެވޭ. އެކަމަކުސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ހުށަހެޅި މައްސަލަ ނުބެލެވޭ؟ ތިޔަވެރިކަމަކީ މަނިކުފާނުގެ ތަރިކަ މުދާގަނޑެއްތޯ؟ މަނިކުފާނުގެ ވާރުތަމުދާ އައިގޮތަށް އައި ވެރިކަމެއްތޯ؟ ހިތަށް އެރީމަ ވާނުވާޖަހާ އަނިޔާވެރިވެ، ހިތަށް އެރީމަ މަނިކުފާނުގެ އައުވާނުންނަށް ކުރެވޭ ބޮޑަތި ތުހުމަތުތައް ފަސްއަޅާފޮރުވާލަނީ،" ޖަމީލް ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި އަނިޔާވެރިވުމުގެ ޒިންމާ އެމަނިކުފާނު ނަންގަވަންޖެހޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މަނިކުފާނު ތިޔައީ ރައްޔިތުންގެ ޚާދިމެއް! ވެރިކަމުގެ ހުރިހާ ބާރަކީ ރައްޔިތުން! އަނިޔާވެރިވެ ތަފާތު ކުރުމަކީ މަނިކުފާނު ޒިއްމާ ނަގަން ޖެހޭކަމެއް! ޒާތީވެ ބޮޑާވެގެން ނޫޅެވޭނެ. ތިޔައީ އިހަކަށް ދުވަހާ ޖެހެންދެން މިތާގައި ހުރި އާދައިގެ މީހެއް. މިޙާލަތުވެސް ބަދަލު ވާން ނަގާނީ ކަލާނގެ ގުދުރަތުން ސުން ސިކުންތުކަން ހަދާން ކުރައްވާ." ޖަމީލް ވިދާޅުވި އެވެ.