އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތިން ވަނަ ބުރުގައި ބައިވެރިވާ ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގެ ތިންވަނަ ބުރު މިއަހަރުގެ މެއި އަދި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާ، މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މި ބުރުގައި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި ތަމްރީނުގައި ބައިވެރިވެވޭނީ ގްރޭޑް 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.
ތަމްރީނުގައި ބައިވެރިވުމަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި ތަމްރީނު ފުރިހަމަކޮށް ހަތީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ހަތީބު އިންޓަވިޔު ނިންމާ، ޓްރެއިނިން ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުން ވެސް ފާސްވާ ބައިވެރިންނަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު- ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮށް ކަމަށެވެ.
އެހެންކަމުން މި ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މޭ 10 ވާ ހޮނިހިރު ދުވަހުގެ 2:00 ގެ ކުރިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.