އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވުމަށްފަހު ދެ ފަހަރަކަށް ޕާޓީ ބަދަލުކޮށްފައިވާތީ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފި އެވެ.
އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ، އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަރީޝް ވަނީ ޕީއެންސީއަށް ވެސް ސޮއިކުރައްވާފަ އެވެ. ފަހުން އޭނާ ގުޅުނީ އެމްޑީއޭ އަށެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ގޮތުން މިއީ ގޮނޑި ހުސްވާނެ ހާލަތެއް ކަމަށް އެ ސިޓީގައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އަރީޝް ތަމްސީލު ކުރައްވަނީ ޕީއެންސީ އެވެ. ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް އިންތިހާބުވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެއީ ކުރީގެ ޑެޕިޔުޓީ މޭޔަރު އިސްތިއުފާދެއްވުމުންނެވެ.