ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް އަލީ ސައީދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓްގައި މިނިސްޓަރު ޝަހީމް ވަނީ މިކަމާ ގުޅިގެން އެޗްޑީއީން އެކްސް ގައި ޕޯސްޓްކުރި އެބޭފުޅާގެ ވީޑިއޯއެއްވެސް ހިއްސާކުރައްވާފަ އެވެ.
މި ވީޑިއޯގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގެ އެކި ހިސާބުތަކުގައި މީހުން ދިރިއުޅޭ ބޮޑެތި އިމާރާތްތަކާއި މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ ލަގުޒަރީ ބިލްޑިންތަކުގައި ވެސް ނަމާދު ކުރާނެ ކޮޓަރިއެއް ފަހިކޮށްދީފައި ހުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފަވާ ކަމަށެވެ.
ތަރައްގީވަމުން އަންނަ ސަރަހައްދުތަކާއި ހުޅުމާލޭގައި ވެސް ކޮންމެ އިމާރާތެއް ކައިރި މިސްކިތެއް ނުހުންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިފަދަ ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމުން އެކަން ވެގެންދާނީ އެ ތަނަށް ޒިޔާރަތްކުރާ މީހުނަށް ވަރަށް ބޮޑު ލުޔަކަށް ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އެޗްޑީސީގެ އެމްޑީއަށް. އެބޭފުޅާގެ އިސްނެންގެވުމުގެ މަތިން މި ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށްޓަކާ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މި ގޮތަށް ހެދުމުން ނަމާދު ކުރުން ފަސްކުރަން ނޫނީ ޒިޔާރަތްކުރާ އިމާރާތާ ދުރުގައި މިސްކިތް ހުރެގެން ދުރަށް ދާން ޖެހުން ނިމުމަކަށް އައިސް ލުއިތަކެއް ލިބޭނެ އެވެ.