އައިފޯނުގެ އަގު ބޮޑުތަނުން އުފުލިދާނެ ކަމަށް މާހިރުން ލަފާކުރަމުންދާ ވާހަކަ މިހާރު ދަނީ ފެތުރެމުންނެވެ. މިކަމަށް މައިގަނޑު ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން އެތެރެކުރާ މުދަލަށް ނަގާ ޓެރިފް (ޑިއުޓީ) ބޮޑުކުރުމެވެ.

ޓްރަމްޕް ވަނީ ޗައިނާއިން އެތެރެކުރާ މުދަލަށް ނަގާ ޓެރިފް 145 އިންސައްތައަށް އިތުރުކޮށްފަ އެވެ. މިއީ ކުރިން ނަގަމުންދިޔަ 20 އިންސައްްތައާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

އައިފޯނުގެ އަގު ބޮޑުވާނެ ކަމަށް ބެލެވެނީ މިހާރު ވެސް ގިނަ އައިފޯނުތައް އުފައްދަނީ ޗައިނާގައި ކަމަށްވާތީ އެވެ. އެހެންކަމުން، ޗައިނާއިން އެތެރެކުރާ މުދަލަށް ނަގާ ޓެރިފް ބޮޑުވުމުން، އައިފޯނުގެ އަގުވެސް ބޮޑުވާނެ އެވެ.

މިސާލަކަށް، މި އުސޫލުން ޓެރިފް ނަގައި، ޓެރިފްގެ އަގު އާންމުންގެ އަތުން ހަމަކުރަން އެޕަލްއިން ނިންމައިފިނަމަ، މިހާރު 1,599 ޑޮލަރަށް ވިއްކާ އައިފޯނެއްގެ އަގު 3,900 ޑޮލަރަށް އަރައިފާނެ ކަމަށް ބައެއް މާހިރުން ލަފާކުރެ އެވެ.

ނަމަވެސް، އެޕަލްއިން މި އަގު އެއްފަހަރާ މިހާ ބޮޑަށް ނުއުފުލާނެ ކަމަށްވެސް ބެލެވެ އެވެ. އޭގެ ބަދަލުގައި، އެޕަލްގެ އެހެން ހިދުމަތްތަކުގެ އަގު މަޑުމަޑުން ބޮޑުކޮށްގެން މި އިތުރުވާ ހަރަދު ފޫބައްދަން މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިސްޓުން ލަފާކޮށްފައިވެ އެވެ.

އެޕަލްއިން މިހާރު ވަނީ އިންޑިއާ އަދި ވިއެޓްނާމް ފަދަ އެހެން ގައުމުތަކުގައި ވެސް އައިފޯނު އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. މިއީ ޗައިނާއަށް ދޭ ޓެރިފްގެ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތެކެވެ. ނަމަވެސް، މި ގައުމުތަކުން ވެސް އެތެރެކުރާ މުދަލަށް ކޮންމެވެސް ވަރެއްގެ ޓެރިފެއް ނެގޭނެ އެވެ.

ޖުމްލަ ގޮތެއްގައި، އައިފޯނުގެ އަގު ކޮންމެވެސް ވަރަކަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، އެ ބޮޑުވުން އަންނާނީ ކިހާ މިންވަރަކަށް ކަން މިވަގުތު ޔަގީންކޮށް ބުނަން ދަތި އެވެ.