ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ހިޔާނާތަށް މަގުފަހިވާގޮތަށް ހަދާފައިވާ އެގްރީމެންޓު އަދިވެސް ބާތިލް ނުކުރާކަން ހާމަވެއްޖެ އެވެ.

ފުޅީގައި ފެން ބަންދުކޮށް ފުޅާ ދާއިރާއެއްގައި ވިއްކާ އައިބީއެމް އަކީ އެމްޑަބްލިއުއެސްސީ އާއި ޗަމްޕާ ބްރަދާސް ހިއްސާވާ ގޮތަށް އުފައްދާފައިވާ ޖޮއިންޓްވެންޗާ އެކެވެ. މި ކުންފުނީގެ މެޖޯރިޓީ ޝެއާ ހޮލްޑާއަކީ އެމްޑަބްލިއުއެސްސީ އެވެ.

އައިލެންޑް ބެވަރޭޖަސްއަށް ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. އެ މައްސަލައާ ގުޅިގެން އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު ޖިނާން އަލީ އާއި އެމްޑަބިލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީންއަށް ވަނީ ހިޔާނާތުގެ ތުހުމަތުތަކެއް ކޮށްފަ އެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން އޭރު ވިދާޅުވީ އެ މައްސަލަ ސަމާލުކަމަށް އައި ކަމަށާއި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން، އެ އެއްބަސްވުން ބާތިލްކުރަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް އެ އެގްރީމެންޓު ބާތިލުކޮށްފައި ނުވާކަން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ.

އެ މައްސަލައިގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެގްރީމަންޓުގައި ވާ ގޮތުން އެ ތަން ކުއްޔަށް ނަގާފައިވަނީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ އަތުންނެވެ. އެންމެ ފުރަތަމަ އެގްރީމަންޓު ހަދާފައިވަނީ މިދިޔަ އަހަރުގެ 27 އޮގަސްޓުގައި އޭރު ކުލީގެ ގޮތުގައި އޮތީ މަހަކު 60،000 ރުފިޔާ އަށެވެ.

އޭގެފަހުން އެތަން ކުއްޔަށް ނަގަން ދެ ވަނަ އެގްރީމަންޓެއް 22 އޮކްޓޫބަރުގައި ހަދާފައިވާއިރު، އޭގައި ކުލީގެ ގޮތުގައި އޮތީ 200،000 ރުފިޔާ އަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ބައްދަލުވުމެއްގައި ބައިވެރިވަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

އެގޮތުން މިހާރުވެސް ދައުލަތުން ދަނީ 200،000 ރުފިޔާ އެތަނަށް ހަރަދުކުރަމުންނެވެ.

މި މައްސަލަ އަނެއްކާވެސް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެކަމާ ގުޅިގެން މަތީން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުރިން ބުނިގޮތަށް އެގްރީމެންޓް އުވާލުމުގެ މަސައްކަތް ކުރިއަށްދާކަން ރަސްމީ ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށެވެ.

އެގޮތުން އެ މަސައްކަތް ކުރިއަށް ދާއިރު، އަލުން ތަނެއް ހޯދުމަށް އިއުލާން ކުރެވި ދެ ފަހަރު މަތިން އައިބީއެމްއިން ގެޒެޓްކޮށްފައިވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ނިޔަލަށް ތަން ހުސްކޮށް، އެތަނުގައި ތިބި ބިދޭސީ މަސައްކަތްތެރިން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ދޮގުހަދައި އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނެތް،" މަތީން ވިދާޅުވި އެވެ.