އެމްޑީޕީން އިސްރާއީލަށް ތާއީދު ނުކުރާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ އެކު އަބަދުވެސް ސާބިތުވެ ތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން އިސްރާއީލަށް ތާއީދު ކުރާ ކަމަށް ބުނެ ރައީސް މުއިއްޒު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭނެ ކަންކަން ކަމަށެވެ.

ނަޝީދު ވިދާޅުވީ މިދިޔަ މާޗް މަހު ރައީސް މުއިއްޒި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބިގައުމުތަކަށް ހަމަލާދިނުމަށް އީރާނަށް ހިތްވަރުދެއްވި ކަމަށާއި އެކަމުން ލިބޭނީ ގެއްލުން ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ، ގަތަރު، ބަހުރައިން، ކުވައިތު އަދި ޔޫއޭއީ ފަދަ ގައުމުތަކުން ރާއްޖޭގެ ތަރައްގީއަށް ވެދޭ އެހީތެރިކަމަކީ އެހެން މަދު ގައުމަކުން ނޫނީ ނުލިބޭ ފަދަ ބޮޑު އެހީތެރިކަމެއް ކަމަށެވެ. އެހެންކަމުން އީރާނުން އެ ގައުމުތަކަށް ހަމަލާދޭން ހިތްވަރުދޭ މޭރުމަކުން އޭރު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވަނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، މި ސަރުކާރުން ދަރަނި މެނޭޖްކުރުމުގައި ނުކުޅެދިފައިވާ ކަމަށާއި، ދަރަނި އަދާކުރުމުގެ ނަމުގައި ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ރާއްޖޭން ބޭރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގައި ހުރި ޑޮލަރުގެ ރިޒާވް ދަރަނި ދައްކަން ހޭދަކޮށްފައިވާއިރު، މި ސަރުކާރަށް ހިލޭ އެހީގެ ގޮތުން ވެސް އަދި ދަރަނީގެ ގޮތުން ވެސް އެކަށީގެންވާ މިންވަރަށް ޑޮލަރު ހޯދިފައިނުވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

ސަރުކާރުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ވެސް ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.