އަމީތާބު ބައްޗަންއާއި ދީޕިކާ ޕަދުކޯން އަދި އިރްފާން ޚާން މުހިއްމު ރޯލުތަކުން ފެނިގެންދާ ފިލްމު "ޕީކޫ" އަލުން ރިލީޒް ކުރަން ނިންމައިފި އެވެ.
އެ ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރިތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދީޕިކާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އެ މުނާސަބަތުގައި ފިލްމު އަލުން ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށެވެ.
އެ ޕޯސްޓުގައި ދީޕިކާ ވަނީ އަމީތާބު ފެންނަ ވީޑިއޯއެއް ހިއްސާ ކޮށްފަ އެވެ. ޕީކޫ އަލުން ސިނަމާތަކަށް އަންނަން ތައްޔާރު ވެފައިވާ ކަމަށާއި ސިނަމާތަކުން ބައްދަލުވާން އެދޭ ކަމަށް އަމީތާބު އެ ވީޑިއޯގައި ބުނެ އެވެ.
"ޕީކޫ" އަލުން ސިނަމާތަކަށް އަންނަން ތައްޔާރު ވެފައިވީ ނަމަވެސް އިރްފާން ނެތްކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމަށް ދީޕިކާ ބުންޏެވެ.
އެ ފިލްމު ރިލީޒް ކުރިތާ ފަސް އަހަރު ފަހުން 2020 ވަނަ އަހަރު އިރްފާން މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 53 އަހަރުގަ އެވެ.
"ޕީކޫ"ގެ އެންމެ ފުރަތަމަ ރިލީޒްގައި ވެސް އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފިލްމުވީ ބޮކްސްއޮފީހުގައި "ހިޓް" ފިލްމަކަށެވެ.