މިދިޔަ ހަފްތާގައި މުނިފޫހި ފިލުވުމުގެ ހަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދީ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އިތުރު ހަ އަންހެނުންނާއެކު ޖައްވަށް ކުރި ދަތުރެވެ.

ކޭޓީގެ އެ ދަތުރަށް މީޑިއާގެ ބޮޑު ސަމާލު ކަމެއް ލިބުނު ނަމަވެސް އޭނާއަކީ ޖައްވަށް ދަތުރުކުރި ހޮލީވުޑުގެ އެންމެ ފުރަތަމަ ޝަހްސިއްޔަތެއް ނޫނެވެ.

އޭނާގެ ކުރިން އެ ޝަރަފު ހޯދި އެކްޓަރަކީ ސްޓާ ޓްރެކްގެ "ކެޕްޓަން ކާކް"ގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ވިލިއަމް ޝެޓްނާ އެވެ.

2021 ވަނަ އަހަރު އޮތް ބްލޫ އޮރިޖިންސްގެ ސްޕޭސް ފްލައިޓްގައި ވިލިއަމް ބައިވެރިވިއިރު އޭނާގެ އުމުރަކީ 90 އަހަރާއި 205 ދުވަހެވެ. އެއާއެކު އޭނާ ވެފައިވަނީ އެ ދުވަހާ ހަމައަށް ޖައްވަށް ދަތުރުކުރި އެންމެ އުމުރުން ދުވަސްވީ މީހާ އަށެވެ.

ދުނިޔެއަށް އެނބުރި އައުމަށްފަހު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ވިލިއަމް ބުނީ ޖައްވަށް ދިއުމަކީ ހަޔާތުގެ އެންމެ ބޮޑު ތަޖުރިބާއަށް ވާނެ ކަމަށް އުއްމީދުކުރި ކަމަށެވެ.

"އެތަނަށް (ޖައްވަށް) ދިއުމުން މި އެނގުނީ އަސްލު ރީތިކަން ވަނީ މިތަނުގައި ކަން. ތި އެންމެންނާ އެކުގައި ކަން" ވިލިއަމް ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނީ އެ ދަތުރުގެ ތަޖުރިބާ އޭނާއަށް ކުރެވުނީ "ޖަނާޒާ"އެއްގެ ގޮތުގައި ކަމަށާއި އެކަމުން އޭނާއަށް ނަފްސާނީ ގެއްލުންތަކެއް ވެސް ވި ކަމަށެވެ.

ވިލިއަމްގެ މި ތަޖުރިބާއާ ހިލާފަށް ކޭޓީ ޕެރީ ބުނީ އޭނާގެ ދަތުރަކީ މީގެ ކުރިން ދުވަހަކު ވެސް ކުރެވިފައިނުވާ ފަދަ ތަޖުރިބާއެއް ކަމަށެވެ.