ދ. ކުޑަހުވަދޫގެ މިސްކިތްތަކުން މިއަދު އިވޭ ކުޑަކުދިންގެ ރީތި ބަންގީގެ އަޑަކީ އެތައް ބަޔެއްގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އަޑެކެވެ. މި ރީތި ހިތްގައިމު އަޑުތަކުގެ ވާހަކަ އިވެން ފެށީ އެ ރަށަށް އުފަން އަބްދުއްރަޝީދު އިބްރާހީމްގެ ފަރާތުންނެވެ. އެރަށު ތިކްރީތު، އަބްދުއްރަޝީދަކީ އެމްއެންޔޫ އިން އެޑްވާންސް އަދި ޑިޕްލޮމާ އޮފް އިމާމް އެންޑް ޚަޠީބު އަދި އައިޔޫއެމް އިން ބެޗްލާ އޮފް އިމާމް އެންޑް ޚަޠީބު ހާސިލްކޮށްފައިވާ، މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމާއި ހުކުރު ކުރުމުގައި ދެމިހުރި ބޭފުޅެކެވެ. އޭނާގެ ހިތުގައި އަށަގެންފައިވާ އިސްލާމީ ޝިއާރުތައް ދިރުވުމުގެ ލޯބި، ކުޑަކުދިންގެ ހިތްތަކަށް ވެސް ވައްދައިދިނުމަށް ކުރާ މަސައްކަތް ވަނީ މުޅި ރަށަށް ބަދަލުތަކެއް ގެނެސްދީފަ އެވެ.

އަބްދުއްރަޝީދު ބުނިގޮތުގައި މިކަން ފެށުނީ، ބަންގި ގޮވަން ޝައުގުވެރިކަން ހުންނަ ކުއްޖެއްގެ އެދުމުގެމަތިންނެވެ.

"މިކަން ފެށެން ދިމާވީ، އެއްދުވަހަކު، ކުރިން ދެންނެވި ކުއްޖާއާއި މިސްކިތުގެ އިމާމު އަދި ކުޑަހުވަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ، ކުރިން ދެންނެވި ކުއްޖާއަށް ބަންގި ގޮވަން ލިބޭނެ ގޮތަކާބެހޭ ގޮތުން ކުރެވުނު މަޝްވަރާއެއް އަޑުއިވި، އެކުއްޖާއަށް ބަންގި ގޮވަން ދަސްކޮށްދިނުމުގެ ޝައުގުވެރިކަން އުފެދުނީ.. މިކަން ކުރަން ފެށުނީ 2024 ވަނަ އަހަރުގެ މާޗު ހިސާބުގައި،" އޭނާ ބުންޏެވެ.

އަބްދުއްރަޝީދުގެ މި މަސައްކަތުގެ އަމާޒަކީ ހަމައެކަނި ބަންގި ގޮވަން ދަސްކޮށްދިނުމެއް ނޫނެވެ. އޭނާގެ އަމާޒަކީ އިސްލާމީ މުޖުތަމައެއްގައި ބަންގި ގޮވައި އިމާމުވެ ނަމާދުކުރާ ޖީލެއް ބިނާކުރުމެވެ.

"އާދެ، އިސްލާމީ މުޖުތަމައެއްގައި، ބަންގި ގޮވައި އިމާމުވެ ނަމާދުކުރާ ޖީލެއް ބިނާކުރުމަކީ އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ސަބަބަކީ، މިކަހަލަ އިސްލާމީ ޝިޢާރުތައް ކުދިންގެ ހިތްތަކުގައި އަށަގެންފިނަމަ ކުދިންގެ އަޚްލާގު ރަނގަޅުވެ، ދެންހުރި ހުރިހައި ކަމެއް ރަނގަވެގެން ދާނެކަމަށް އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާތީ،" އަބްދުއްރަޝީދު ބުންޏެވެ.

އޭނާގެ މި މަސައްކަތް ފަސޭހައިން ކުރިއަށް ގޮސްފައެއް ނުވެ އެވެ. އަދި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް އޭނާގެ ކެތްތެރިކަމާއި އަޒުމުގެ ސަބަބުން މިއަދު ވަނީ އެތައް ކާމިޔާބީތަކެއް ހޯދާފަ އެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކުދިންތަކެއް މިސްކިތަށް އަހުލުވެރިކުރުވުމަށް މެދުވެރިއެއްކަމުގައި ﷲ ތަޢާލާ، އަޅުގަނޑު ހޮއްވެވުން. އަދި ރަށުގެ ގިނަ މިސްކިތްތަކަކުން ކުޑަކުދިންގެ އަޑު ގުގުމާލުމަކީ ވަރަށްބޮޑު ހިތްގައިމު ކަމާއި ހިތްހަޖެހުމެއް ލިއްބައިދޭ ކަމެއް،" އަބްދުއްރަޝީދު ބުންޏެވެ.

އަބްދުއްރަޝީދު އިބްރާހީމް ދަރިވަރުންނާ އެކު.

އޭނާގެ މި މަސައްކަތުގައި އޭނާ ބޭނުންކުރާ ޚާއްސަ އުކުޅުތަކުގެ ތެރޭގައި ކުދިންނަށް ލީޑާޝިޕްގެ ފުރުސަތު ދިނުމާއި، މިސްކިތްތަކުގައި ބަންގި ގޮވުމުގެ ފުރުސަތު ދިނުމުގެ އިތުރުން، ޖަމިއްޔާގެ ފަރާތުން ޕިއްޒާ ޕާޓީތައް ބޭއްވުން ހިމެނެ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިންގެ ޝައުގުވެރިކަން އިތުރުވެ، އެވކުދިންގެ ހުނަރު ތަރައްގީވަމުންދާކަން އަބްދުއްރަޝީދު ފާހަގަކުރެ އެވެ.

އޭނާ ބުނިގޮތުގައި، މި މަސައްކަތުގައި މައިންބަފައިންގެ ދައުރު ވަރަށް މުހިންމެވެ. ގޭތެރެއިން ކުދިންނަށް ހިތްވަރުދީ، އެކުދިންގެ ކާމިޔާބީ ފާހަގަކޮށް، ބަންގި ވީޑިއޯތައް ދައްކައިގެން ކުދިންގެ ހުނަރު ތަރައްގީކުރުމަށް މައިންބަފައިން މަސައްކަތްކުރާކަން އަބްދުއްރަޝީދު ފާހަގަކުރި އެވެ.

"މިހާރު މިސްކިތުގައި ބަންގި ގޮވާ ކުދިންނަށް ބަލާލިޔަސް، އެކުދިންނަކީ ގޭތެރެއިން އެކުދިންނަށް، ބަންގި ގޮވަން ބާރުއަޅާދީ، އަދި ކޮންމެ 100 ބަންގި އަކުން އެކަން ފާހަގަކޮށް ޕާޓީ ބާއްވާދޭ ކުދިން ކަމުގައި ފާހަގަކުރެވޭ. އަދި އެ މައިންބަފައިންނަކީ އަޅުގަނޑުމެން އެބޭފުޅުންނާ ހިއްސާކުރާ، ބަންގި ވީޑިއޯތައް އެކުދިންނަށް ދައްކައި ކުދިންގެ ހުނަރު ތަރައްގީކުރަން މަސައްކަތްކުރައްވާ ބެލެނިވެރިން ކަމަށް ފާހަގަކުރަން. އެހެންކަމުން މިކަމުގައި ވެސް ބެލެނިވެރިންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް،" އޭނާ ބުންޏެވެ.

އަބްދުއްރަޝީދު ބުނިގޮތުގައި މިކަން ފެށިގެން އައި ދުވަސްވަރު، ރަށުގައި ދިރިއުޅޭ ބައެއް މީހުންގެ ތަފާތު ފާޑުކިޔުންތައް އަމާޒުވި އެވެ. އެހެން ނަމަވެސް މިސްކިތްތަކުން ކުދިންގެ ރީތި ބަންގިތައް އިވެންފެށި ހިސާބުން ގިނަބަޔަކު ބޭނުންވީ އެބައިމީހުންގެ ކުދިންގެ އަޑު ވެސް މިސްކިތްތަކުން މުޅި ރަށަށް އިވުމަށެވެ. އަބްދުއްރަޝީދުގެ މަސައްކަތުގެ އަސަރު މުޖުތަމައުއަށް ހެޔޮގޮތުގައި ފޯރާފައިވާ މިންވަރު މިކަމުން ދޭހަވެގެންދެ އެވެ.

އޭނާގެ ދުރު ރާސްތާގެ ލަނޑުދަނޑިއަކީ މިހާރު ގްރޭޑް 3،2،1 ގައި އުޅޭ ކުދިން ގްރޭޑް 9،8 އަށް ދާންވާއިރަށް ރީތިކޮށް ބަންގިގޮވާލާ، އިމާމްވެ ނަމާދުކޮށްލެވޭނެ ކުދިންނަށް ހެދުމެވެ. އަދި މިއީ ހަމައެކަނި އަޅުކަމެއްގެ ގޮތުގައި ނޫނަސް، މުޅި މުޖުތަމައުގެ އަޚްލާގީ މިންގަނޑު މަތިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އަބްދުއްރަޝީދު ދެކެ އެވެ.

https://www.instagram.com/p/DI2-VtyxIG0/

އޭނާގެ މި މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބޭފުޅުންގެ ތެރޭގައި ޝައިޚް މުހައްމަދު ޣާލިބް ޝާހިދު ފާހަގަކޮށްލެވެ އެވެ. މިސްކިތުގެ އިމާމުގެ ހައިސިއްޔަތުން ޝައިޚް ޣާލިބްގެ ދަރުސްތަކާއި އިރުޝާދުތައް ވަނީ މުޅި މަސައްކަތުގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

"އެންމެ ބޮޑު ގޮންޖެހުމަކަށްވީ، މިސްކިތަށް އަރާ ދުވަސްވީ ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތުން،" އަބްދުއްރަޝީދު ބުންޏެވެ. "އެބައި މީހުން ދެކޭގޮތުގައި މިސްކިތުގައި ކުރެވޭނެ ކަންތަކަކީ ނަމާދުކޮށް ގުރުއާން ކިޔެވުން އެކަނި، ނަމަވެސް ﷲގެ ރަޙްމަތުން މިސްކިތުގެ އިމާމު ޝައިޚް ޣާލިބްގެ ދަރުސްތަކުގެ ސަބަބުން މީހުންގެ ވިސްނުން ބަދަލުވެގެންދިޔައީ."

އަބްދުއްރަޝީދު ބުނީ މިކަމުގެ ސަބަބުން ކުދިންނަށް ލިބެމުންދިޔަ ކުރިއެރުންވެސް ވެގެންދިޔައީ މީހުންގެ ހިތްތައް ދަމައިގަންނަ ކަހަލަ ކަމަކަށެވެ.

ޝައިޚް ޣާލިބްގެ ދަރުސްތަކުން މިސްކިތަކީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ގޮތުގައި ނުވެ، އިސްލާމީ ތައުލީމާއި ތަރުބިއްޔަތުގެ މަރުކަޒެއްގެ ގޮތުގައި ދެކެން މީހުން ދަސްކުރި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންނަށް ބަންގި ގޮވަން ދަސްކޮށްދިނުމުގެ މަސައްކަތަށް، މުޖުތަމައުގެ ތާއީދު ލިބި، ކުރިއެރުންތަކެއް ހޯދުނެވެ.

ބަންގި ގޮވަން ދަސްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ކުޑަކުދިންގެ ފައުންޑޭޝަން ސްޓޭޖުގައި ގުރުއާނުގެ އަކުރުތައް ތަޖްވީދު މަގުން ކިޔައިދެވިފައި ނުވުން ކަމަށް އަބްދުއްރަޝީދު ފާހަގަކުރި އެވެ. މި ގޮންޖެހުން ޙައްލުކުރުމަށްޓަކައި، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކުދިންނަށް އުނގަންނައިދޭން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، ބަންގި ގޮވަން ދަސްކުރުމަށް އެންމެ އެކަށޭނަ އުމުރާ ބެހޭގޮތުން އަބްދުއްރަޝީދު ބުނީ، ކުއްޖާއަށް ވާހަކަދެއްކެން ފެށޭ ހިސާބުން ބަންގީގެ ކަލިމަތަކުގައިވާ އަކުރުތައް ދަސްކޮށްދޭން ފެށިދާނެ ކަމަށެވެ. އަދި ނަމާދު ވަގުތުތަކުގައި ބަންގި ގޮވޭނީ 8 އަހަރުން މަތީ އުމުރުގެ ކުދިންނަށް ކަމާއި ކަމުގެ މުހިއްމުކަން ރަނގަޅަށް ވިސްނެނީ، 8 އަހަރުން މަތީ ކުދިންނަށް ކަމުގައި ފާހަގަވާ ކަމަށެވެ.

ޢަބްދުއްރަޝީދުގެ މި މަސައްކަތަކީ ހަމައެކަނި ބަންގި ގޮވަން ދަސްކޮށްދިނުމަށް އަމާޒުކުރެވިފައިވާ މަސައްކަތެއް ނޫނެވެ.

"ފަސޭހަ ޖަމިއްޔާ"ގެ ފަރާތުން މުސްތަގުބަލުގައި މިފަދަ އެތައް ޕްރޮގްރާމްތަކެއް، ދީނީ ދައުވަތުގެ އިތުރުން، އިޖްތިމާއީ އަދި ހަށިހެޔޮ ޙަރަކާތްތައް ހިމެނޭހެން، ހިންގުމަށް ރޭވިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަބްދުއްރަޝީދު ދަރިވަރުންނަށް ދިން ނަސޭހަތުގައި، ކުދިން ކިޔެވުމުގައި ދެމިތިބިހާ ހިނދަކު، ފަސޭހަ ޖަމްޢިއްޔާއިން ކުލާސްތައް އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ތިބޭނެކަން އިތުބާރާއެކު ބުންޏެވެ.

މިހާރު ކުލާހުގައި ކިޔަވުމުންގެންދާ ކުދިންނަށާއި ފަރާތްތަކަށް ބުނެލަންއޮތީ ، ތިޔަކުދިން ކިޔެވުމާއިގެން ކުރިއަށްދާން ތިބިހާދުވަހަކު އަޅުގަނޑުމެންގެ ޖަމްޢިއްޔާ (ފަސޭހަ ޖަމްޢިއްޔާ)ގެ ފަރާތުން ކުރިޔަށް އޮތްތަނުގައި މި ކުލާސްތައް އިތުރަށް ތަރައްޤީކޮށް ކުރިޔަށްގެންދާން މިތިބީ އަތުކުރި އޮޅާލައިގެން، އިންޝާ ﷲ،" އޭނާ ބުންޏެވެ.

މިހާރު ކުލާހުގައި ކިޔަވުމުންގެންދާ ކުދިންނަށާއި ފަރާތްތަކަށް ބުނެލަންއޮތީ ، ތިޔަކުދިން ކިޔެވުމާއިގެން ކުރިއަށްދާން ތިބިހާދުވަހަކު އަޅުގަނޑުމެންގެ ޖަމްޢިއްޔާ (ފަސޭހަ ޖަމްޢިއްޔާ)ގެ ފަރާތުން ކުރިޔަށް އޮތްތަނުގައި މި ކުލާސްތައް އިތުރަށް ތަރައްޤީކޮށް ކުރިޔަށްގެންދާން މިތިބީ އަތުކުރި އޮޅާލައިގެން، އިންޝާ ﷲ
ޢަބްދުއްރަޝީދު އިބްރާހީމް

ޢަބްދުއްރަޝީދު އިތުރަށް ބުނިގޮތުގައި، މި ފުރުސަތު ހުޅުވާލެވިފައި ވަނީ ހަމައެކަނި ކުޑަކުދިންނަށް ނޫނެވެ. މިކަމަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް އޭނާ ބުންޏެވެ.

މި މަސައްކަތުގައި އައްޝައިޚް މުހައްމަދު ޣާލިބް ޝާހިދު ކޮށްދެއްވަމުން ގެންދަވާ މުހިންމު ދައުރު އޭނާ ފާހަގަކުރައްވާފައިވެ އެވެ. ހަމައެހެންމެ ރަށުގެ ކައުންސިލާއި، މިސްކިތުގެ މުވައްޒަފުންގެ އިތުރުން ބެލެނިވެރިންގެ އެއްބާރުލުން ވެސް ފާހަގަކުރެއްވި އެވެ.

"އެންމެ ފުރަތަމަ ޙަމްދާއި ޝުކުރު ޙައްޤު ވަނީ، ﷲ ތަބާރަކަ ވަތަޢާލާއަށް. އެންމެ ބޮޑު އެއްބާރުލެއްވުމަކާއި އިރުޝާދު ލިބެނީ، އައްޝައިޚް މުޙައްމަދު ޣާލިބް ޝާހިދު ގެ ފަރާތުން. އެއަށްފަހު ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން. ވަކިން ޚާއްޞަކޮށް ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިހާމްގެ ނަން ފާހަގަކޮށްލަން. އެއަށްފަހު އަޅުގަނޑުގެ ކުލާސްތައް ހިންގާ މިސްކިތުގެ ހުރިހާ މުވައްޒަފުންނާއި ކުދިންގެ ބެލެނިވެރިންގެ ފަރާތުން. މިފުރުސަތުގައި އެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން،" އަބްދުއްރަޝީދު ބުންޏެވެ.

އިމާމް އަބްދުއް ރަޝީދާއި އޭނާގެ އެހީތެރިން، ޚާއްސަކޮށް ޝައިޚް މުޙައްމަދު ޣާލިބްގެ އިރުޝާދާއެކު ކުރަމުންދާ މަތިވެރި މި މަސައްކަތަކީ ދިވެހި މުޖުތަމައަށް ވަރަށް މުހިންމު، އަގުހުރި ޚިދުމަތެކެވެ. މި މަސައްކަތުގެ މުހިންމުކަން ހާމަވަނީ ހަމައެކަނި ކުދިންގެ ރީތި ބަންގީގެ އަޑަކުން ނޫނެވެ. އޭގެ ފުންމިނުގައި އޮތީ ދީނީ ތަރުބިއްޔަތާއި، އަޚްލާގީ މިންގަނޑުތަކާއި، އިސްލާމީ އަގީދާގެ ބިންގަލެވެ.

މި މަސައްކަތުން ލިބޭ ފޮނި ނަތީޖާ ފެންނަމުންދަނީ ކުޑަކުދިންގެ އުޖާލާ މޫނުތަކުންނާއި، މައިންބަފައިންގެ ފަޚުރުވެރި ލޮލުންނާއި، މުޅި މުޖުތަމައުގެ ހޭލުންތެރި ވިސްނުމުންނެވެ. މިފަދަ މަސައްކަތްތަކުން އުފެދޭ ޖީލުތަކަކީ ދީނަށް ލޯބިކުރާ، އަޚްލާގު ރަނގަޅު، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

މިއީ ދިވެހި މުޖުތަމައުގެ ރީތި މުސްތަގުބަލަށް އުއްމީދީ މަސައްކަތެކެވެ. ކުޑަކުދިންގެ ބަންގީގެ ރިވެތި އަޑުން މިއަދު ގުގުމާލަނީ ހަމައެކަނި މިސްކިތްތަކެއް ނޫނެވެ. އެ އަޑުން ގުގުމާލަނީ މުޅި ގައުމުގެ ފަޚުރުވެރި މާދަމާ އެކެވެ.