އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަން ނިންމާފައިވާ 'އޮނަރަރީ ޑޮކްޓަރޭޓް'ގެ ޝަރަފު ނުދިނުމަށް، އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ އިން އެދިއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންބަރު އިބްރާހީމްގެ ދައުވަތަކަށެވެ. އެ ޒިޔާރަތުގެ ތެރެއިން މެލޭޝިޔާގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއަށް ވަޑައިގެން އެމަނިކުފާނު ތަގުރީރު ކުރައްވާނެ އެވެ. އަދި ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ދިނުމަށް ވެސް އެ ޔުނިވާސިޓީން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި، އެ ޔުނިވާސިޓީން ތައުލީމު ހާސިލުކުރި ދަރިވަރެއް ކަމަށްވާ ހުސްނުއްސުއޫދު ވަނީ އެ ޔުނިވާސިޓީން ކިޔެވި ދިވެހި ދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން އެ ޔުނިވާސިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް އަރުވަން ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދިޔަ ސުޕްރީމް ކޯޓުގެ ބެންޗުގެ ތިން ފަނޑިޔާރަކު ސަރުކާރުގެ ނުފޫޒުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފައިވާތީއެވެ.

އެ ޔުނިވާސިޓީން ކިޔެވި ދިވެހި ދަރިވަރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެމަނިކުފާނު ދެއްވި ހަމަލާއެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އދ. އިން ވެސް އެކަން ކުށްވެރިކުރިކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ރައީސް މުއިއްޒުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު ކަންބޮޑުވާ ދަރަޖައަށް ސުވާލު އުފެދިފައިވާ ކަމަށް ވެސް އެ ސިޓީގައި ހެއްކާއެކު ފާހަގަކޮށްފައިވެ އެވެ.

"މި ހަމަތަކަށް ފަރުވާކުޑަކުރާ ލީޑަރަކަށް އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު ދިނުމަކީ ޔުނިވާސިޓީގެ އަބުރު ގެއްލި، މިފަދަ މުހިންމު މައްސަލަތަކުގައި ޔުނިވާސިޓީން ހިފަހައްޓަމުން އައި ސްޓޭންޑާމެދު ނޭދެވޭ މެސެޖެއް ދެވޭނެ ކަމެއް،" ސިޓީގައިވެ އެވެ.

އެ ސިޓީގައި ސުއޫދު އެދިވަޑައިގަތީ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް ދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށްދިނުމަށެވެ.

"އެހެންކަމުން، އައިއައިޔޫއެމްއިން ނިންމާފައިވާ އެ ނިންމުމާމެދު އަލުން ވިސްނައި، މިނިވަން ޝަރުއީ ދާއިރާގެ ހައްގުގަޔާއި، ރާއްޖޭގެ ގާނޫނު އަސާސީގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އެކަމުގައި ވަރުގަދަ ނިންމުމެއް ނިންމައިދނުމަށް ރާއްޖޭގެ އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރުންގެ ޖަމްއިއްޔާއިން އިން އެދެމެވެ،" ސުއޫދުގެ ސިޓީގައިވެ އެވެ.