މި މަހުގެ 18 ވަނަ ދުވަހު، ހ. މިޓާޒް ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ވަކި ކަމެއް ފޮރުވަން އުޅޭ ކަމަށް ތުހުމަތުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ސަރުކާރުގެ ޕްރޮޕެގަންޑާ ހިންގާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޒުވާން އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ވިސްނުން ހުރީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކަމުގެ ހަގީގަތް ހޯދައި، އިންސާފު ހޯދައިދިނުމަށް ކަމަށެވެ.
"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް،" ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި މަސްތުވެގެން ބޭއްވި ޕާޓީއަށް ފަހު ހިނގި ހާދިސާއާ ގުޅިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނާއި އިންސާފުގެ ކުރިމަތީގައި އެއްވެސް މީހެއް އެމަނިކުފާނަށް މުހިންމު ނުވާނެ ކަމަށެވެ. އަދި ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވި ގޮތަށް އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޯޒު ނުފޯރުވޭނެ ކަމަށާއި ހަމައެކަނި ޖަވާބުދާރީ ވެވަޑައިގަންނަވަންޖެހޭނީ ރައްޔިތުންނަށް ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
މުއިއްޒުގެ ވާހަކާގައި އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ބެހޭ ކަންކަން ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނަށް ވެސް އަލިއަޅުވާލެއްވި އެވެ. އެ ގޮތުން އެ މައްސަލަ ތަހުގީގުކުރުމަށް ބޭނުންވާ ފުރިހަމަ ބާރުވެރިކަން އެ ކޮމިޝަނަށް ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައި ވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ހަގީގަތް ހޯދޭނެ. ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމެން އަޅުގަނޑު ބޭނުންވަނީ،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދާ ހަމައަށް ވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި ހަމަޖެހުމާއި އިންސާފާއި އަދާލަތު ނަގާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެ މުޒާހަރާ ކުރާ ޒުވާނުންނަށް އިންޒާރުދެއްވި އެވެ.
ތި މޮޅު ކަމިޝަންގަ ހުރީ އިރުގެ އަލިކަން ނުފެންނަ ބޭފުޅެއް! ނަމެއްގަ ކަމެއް ކުރުމައް ވުރެން ނުކުރުން ރަނގަޅުވާނެ.
ރިޕްލައި