ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޯލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވަކިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ރައީސް ކަމުގައި ހުންނަވާ އެމްޑީއޭ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު އޮތުމަށް ކޯލިޝަން ރޫޅާލާ، ޕީއެންސީ އަށް ތާއީދުކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އަށް ފަހު އެވެ.
އެހެންނަމަވެސް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާ އެކީ މިހާރު އޮތީ ވެރިކަންކުރާ ޕާޓީ، ޕީއެންސީ އެކަނި ކަމަށާއި އެމްޑީއޭއިން ކޯލިޝަނާ ވަކިވީ އެކި ކަންކަމުގައި އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ.
"ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކާއި މައްސަލަ، މައްސަލައެއް ނޫން. ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި، ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރައްވާފައި މިވަނީ ދެ ޕާޓީގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމު ނުކުރާ ނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފައި ވަނިކޮށެވެ.
މިގޮތުން އޭރު އައްބާސް ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ރައީސް ސިޔާމްއާއެކު އެކި ފަހަރު މަތިން މަޝްވަރާކުރައްވާ ސޮއިކުރައްވާފައިވާ އެއްބަސްވުމަށް އިހްތިރާމްކުރައްވާ އެއާ އެއްގޮތަށް އަމަލުކުރުމަށް ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގެންފަ އެވެ.