މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ގާއިމުކުރި ބުޅާ ފެސިލިޓީއަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ބުޅާ ފެސިލީޓީއަށް ދުވާލަކު ކިހާވަރެއް ހަރަދުވޭތޯ އާއި އެތަން އެއްކޮށް ފުރާލައި، ހިންގަން ފެށުމުން ކިހާވަރެއް ހަރަދުވާނެތޯ މިނިސްޓަރު މާރިޔާއާ ސުވާލުކުރައްވާފަ އެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި ފެސިލިޓީއަށް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގައި ގެންގުޅޭ 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މި ނިސްބަތުން ބަލާނަމަ ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ މިވަގުތު އެތަނުގައި 30 ބުޅާ ބަލަހައްޓަމުންދާ ކަމަށެވެ.
ތަން ހަދައި ހިދުމަތް ފަށަން ދިން ތާރީހުގައި އެކަން ނުފެށުމުން ތަކުރާރުކޮށް ނޯޓިސް ދީގެން ވެސް އެކަން ނުކުރެވުމުން ސިޓީ ކައުންސިލްގެ ދަށުން އޮޅުހިޔާ ނަަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު އެތަން ހުރީ ގިނަ ބުޅާތަކެއް ނަގައިގެން އަޅާލެވޭ ހާލަތެއްގައި ނޫންކަން ފާހަގަކޮށް މިނިސްޓަރު މާރިޔާ ވިދާޅުވީ އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާރިޔާ ވިދާޅުވީ ގިނަ ބުޅާ އެއް ފަހަރާ ރަނގަޅަށް ބެލެހެއްޓޭނޭ ވަސީލަތް ގާއިމް ނުވެ، ކެޕޭސިޓީއަށް ވުރެ އިތުރަށް ބުޅާތައް ނުނަގާނޭ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބުޅާ ފެސިލިޓީ އަޅާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ.